އެމްޕީއެލް އެފްއޭއެމް ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލު މެޗުގައި ހިންގި މާރާމާރީއާ ގުޅިގެން 10 މީހަކު ހައްޔަރު ކޮށްފިއެވެ.
މި މަހުގެ ހަތްވަނަ ދުވަހު ކުޅުނު މި މެޗުގައި ހިންގި މާރާމާރީއާއި ގުޅިގެން މިހާރު 10 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ދަނީ އަދިވެސް އިތުރަށް ތަހުގީގު ކުރަމުންނެވެ.
އާންމުވި ބައެއް ވީޑިއޯއިން ފެންނަނީ އަނަޓޮލީ ފައުލެއް ކޮށް ދާން އުޅެނިކޮށް އިދިކޮޅު ޓީމުގެ ކުޅުންތެރިއަކު ގޮސް އޭނާގެ ގައިގަައި ޖެހިގަތުމާއިއެކު ހަމަނުޖެހުން ފެށޭ ތަނެވެ.
މި ހަމަނުޖެހުމުގެ ތެރެއިން މީހަކު ވަނީ ވިކްޓަރީގެ ކޯޗު ސޮބާހުގެ މޫނުމަތީ ގޮށްމުށުން ޖަހައި އޭނާގެ އަނގަމަތި ފަޅާލާފައެވެ.
މި މެޗު ނިންމާލިއިރު 3-1 ގެ ނަތީޖާއަކުން ކުރީގައި އޮތީ ވިކްޓްރީއެވެ. ކުޑަހެންވޭރު ޔުނައިޓެޑުން ބުނީ މެޗުގެ ބާކީ ބައި ކުޅެން ބޭނުން ނުވާ ކަމަށެވެ.
