ތުރުކީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައި، އެ އިދާރާއަކީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސް މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.

އެމަނިކުފާނު މި އިދާރާ އުފެއްދެވިކަން އިޢުލާން ކުރައްވާފައިވަނީ  ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ)އިން ރައީސް އަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، ތުރުކީގައި ދިވެހިރާއްޖޭގެ އެމްބަސީ ރައީސް އުފެއްދެވީ، ދިވެހިރާއްޖެއާއި ތުރުކީއާ ދެމެދު އޮންނަ ގުޅުން މިހާރަށްވުރެ ފުޅާކޮށް، ދެ ޤައުމުގެ ދެމެދުގައި އޮންނަ ސިޔާސީ، އިޤުތިޞާދީ، އަދި ސަގާފީ ގުޅުންތައް އިތުރަށް ކުރިއެރުވުމަށްޓަކައެވެ.

ރައީސް އޮފީހުން ނެރުއްވި ދެންނެވުމުގައި ތުރުކީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ހަމަޖެއްސެވި މަސައްކަތްތައް ބަޔާންކޮށްފައިވެއެވެ.

އަދި މި އިދާރާއަށް އިނގިރޭސިބަހުން ބޭނުންކުރަންހަމަޖައްސަވައިފައިވާ ރަސްމީ ނަންވެސް ބަޔާންކުރައްވާފައިވެއެވެ.