ގުޅިފަޅު ހިއްކުމުގެ މަޝްރޫޢު މަޑުޖައްސާލަން ހައި ކޯޓުން ކުރި އަމުރު ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ދައުލަތުން ނިންމައިފިއެވެ.

ގުޅިފަޅު ހިއްކުމުގެ މަޝްރޫޢު މަޑުޖައްސާލަން ހައި ކޯޓުން އަމުރު ނެރުނީ އިއްޔެއެވެ. މި އަމުރު ނެރުނީ އަމިއްލަ މީހަކު ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

މައްސަލަ ހުށަހަޅާފައި ވަނީ ގުޅިފަޅު ހިއްކާތީ އެ ސަރަހައްދާއި އެ ސަރަހައްދު ވަށައިގެންވާ ތަންތަނުގެ ތިމާވެއްޓަށް އިއާދަނުކުރެވޭނެ ވަރުގެ ގެއްލުމެއް ލިބޭނެ ކަމަށް ބުނެއެވެ.

ހައިކޯޓުގެ އަމުރާ ގުޅިގެން ބަންޑާރަނައިބް އަހްމަދު އުޝާމް ވިދާޅުވީ ގުޅިފަޅު މަޝްރޫޢުއަކީ އެތައް ބިލިއަން ރުފިޔާގެ އަގުހުރި ޕްރޮޖެކްޓަކަށްވެފައި ގުޅިފަޅު ބިން ހިއްކުމުގެ 80 ޕަސަންޓް މަސައްކަތް ނިމިފައިވާތީ މިމަސައްކަތް ހުއްޓިފައި އޮންނަ ކޮންމެ ދުވަހަކު ދައުލަތަށް އެތައް މިލިއަން ރުފިޔާގެ ގެއްލުން ވާނެ ކަމަށެވެ.

އެހެންވެ ދައުލަތުގެ ފަރާތުން ހައިކޯޓުގެ އަމުރު ސްޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް މިހާރު ނިންމާފައިވާ ކަމަށްވެސް ބަންޑާރަނައިބް ވިދާޅުވެފައިވެއެވެ.

ގުޅިފަޅަކީ މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކުރީގެ ސަރުކާރުން ބިން ހިއްކަން ފެށި މަޝްރޫޢުއެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނިންމަވާފައި ވަނީ، ގުޅިފަޅު އިތުރަށް ހިއްކުމަށެވެ.