ދޮށި އުކައިގެން މަސްވެރިކަން ކުރަމުން ދަނިކޮށް މިޔަރެއް ދަތް އެޅި މީހެއްގެ ހާލު ސީރިއަސް ވެ، އަވަސް ފަރުވާ ދޭން ޖެހިއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ، ރޭ މި ހާދިސާ ހިނގާފައި ވަނީ، ރ. އަތޮޅު ކޯރާކޯރާ ރިސޯޓް ކައިރިން ދޮށި އުކައިގެން މަސްވެރިކަން ކުރަމުންދިޔަ ”ރިހިވެލި“ ނަމަކަށް ކިޔާ ޑިންގީ ލޯންޗެއްގައި ހުރި ފަޅުވެރިއެއް ބޭނި މަހަކުން ބުޅި ނައްޓަން އުޅުމުގެ ތެރޭގައި މިޔަރެއް ދަތް އެޅުމުން ކަމަށް މަޢުލޫމާތު ލިބިފައި ވާ ކަމަށެވެ.

ޒަޚަމްވެ ހާލު ދެރަވި މީހާއަށް ޞިއްޙީ އަވަސް ފަރުވާ ބޭނުންވާތީ އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އިރުއޮއްސުނު ފަހުން ޚަބަރު ލިބުނު ކަމަށާއި އެއާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ސީ އެމްބިއުލާސް ”033 ލޯންޗު“ އިން އެމީހާ އުނގޫފާރަށް ގެންގޮސްފައި ވާ ކަމަށެވެ.

އޭނާ އުނގޫފާރަށް ގެންދެވުނީ ރޭ 19:42 ހާއިރު ކަމަަށް ވެސް ބުނެފައި ވެއެވެ.