ފާއިތުވި ދޮޅުމަހެއްހައި ދުވަހުގެ ތެރޭ 47.5 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ހިފަހައްޓައިފައިވާކަމަށް ހޯމް މިނިސްޓަރު ޢަލީ އިހުސާން ވިދާޅުވެއްޖެއެވެ.
”މިގޮތުން ފާއިތުވި ގާތްގަނޑަކަށް ދޮޅުމަހެއްހައިި ދުވަހުގެ ތެރޭ ކުރެވުނު މަސައްކަތުން 47.5 މިލިއަން ރުފިޔާގެ ޑްރަގްސް އަޅުގަނޑުމެން ވާނީ ރާއްޖޭގެ މަގުތަކަށް ދިއުން ހުއްޓުވައިފައި. މިއީ ރައީސް މިފަދަ ކަންކަމަށް ދެއްވާ އަހަންމިއްޔަތު،“ އިހުސާން ވިދާޅުވިއެވެ.
މީގެ އިތުރުން މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު މަސްތުވާތަކެތީގެ ވަބާއިން ފަރުވާއަށް ގާތްގަނޑަކަށް 800 އެއްހައި މީހުންނަށް ހުކުމް ކޮށްފައިވާއިރު މިހާރު 300 އެއްހައި މީހުންގެ ފަރުވާ ފަށައިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި ބާކީ މީހުންގެ ފަރުވާ ވެސް ވަރަށް އަވަހަށް ފަށާނެކަމަށް ވިދާޅުވިއެވެ. އިހުސާން ވިދާޅުވީ ރައީސްގެ އިރުޝާދަކީ މި ދައުރުގައި މިފަދަ ވަބާތައް 100 ޕަސެންޓު ނައްތައިލުމަށް މަސައްކަތްކުރުން ކަމަށެވެ.
ހަމައެއާއެކު ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ 1800 އަށްވުރެ ގިނަ މީހުން ރާއްޖެއިން ބޭރުކޮށް، ބައެއް މީހުން ޑީޕޯޓުކުރެވިފައިވާކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.
މިއީ މިފަދަ ބިދޭސީންގެ ފަރާތުން ރާއްޖޭގައި ދިމާވާ އިޖުތިމާއީ މައްސަލަތަކަށް ހައްލު ހޯދުމަށް ޚާއްސަ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
