އެމަނިކުފާނު ސަރުކާރާ ހަވާލުވެވަޑައިގެންނެވިއިރު، ކުންފުނިތަކުން ރައްޔިތުންނަށްދޭން ޖެހޭ ނުވަ ބިލިއަން ރުފިޔާ އޮތް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ގދ. ފަރެސްމާތޮޑާއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މިދިޔަ ނޮވެންބަރު 17 ގައި މަސައްކަތާ ހާވާލުވެވަޑައިގެންނެވިއިރު މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ކުރިމަތިވެފައި އޮތީ ކުރީގެ ސަރުކާރު ނިމިގެންދިޔައިރު ކުރިމަތިކޮށްފައި ދިޔަ އިޤްތިޞާދީ ޙާލަތު ކަމަށެވެ.
ކުރީ ސަރުކާރުގައި، ކުންފުނިތަކުން އެކި ކަހަލަ މަސައްކަތް އެހެން މީހުން ލައްވާ ކުރުވުމަށްފަހު ބިލު ކޮށްފައި ހުރި 9 ބިލިއަން ރުފިޔާގެ ޕެންޑިން ބިލު ހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
”އަޅުގަނޑުމެންނާ ހަވާލުވިއިރުވެސް ނުދައްކާ 9 ބިލިއަން، 9 ހާސް މިލިއަން، 9 ބިލިއަން ރުފިޔާގެ ޕެންޑިން ބިލްސް އަޅުގަނޑުމެންނާ ސަރުކާރު ހަވާލުވިއިރުގައި އެބަ އޮތް ކުރީ ސަރުކާރުން ރައްޔިތުންނަށް ނުދީ. 9 ބިލިއަން ރުފިޔާގެ ދަރަނި ސަރުކާރު ކުންފުނިތަކުން އާންމު ރައްޔިތުންނަށް ނުދީ“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖެއިން ބޭރަށް ދައްކަން ރައްޔިތުން ބޮލުގައި 120 ބިލިއަން ރުފިޔާގެ އިތުރަށް 9 ބިލިއަން ރުފިޔާ ދަރަންޏެއް އޮތް ކަމަށެވެ. މި ފައިސާ ދެއްކުމުގެ މަސައްކަތް ފަށައިގެން މިދިޔަ ތިން މަހު ކުރަމުންދިޔަ ކަމަށް ވިދާޅުވިއެވެ.
މިއީ މި ސަރުކާރު އައިސްގެން އަލަށް ދައްކަން ޖެހިފައި ހުރި ފައިސާއެއް ނޫންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނަމަވެސް މިއަދު ސިޔާސީ ފަރާތްތަކުން ވާހަކަ ދައްކާ ގޮތުން މިއީ މި ސަރުކާރުގެ ދަރަނިކަމަށް ދޭހަވާ ކަމަށް ރައީީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ފައިސާތައް ދައްކުމުގެ މަސައްކަތް ކުރަމުންދާއިރު، ފައިސާ ޗާޕު ނުކޮށް ފައިސާ ދެއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ރައީސް ވިދާޅުވީ މިދިޔަ މަހުގެ ސައުވީީސް ވަނަ ދުވަހުން ފެށިގެން މި ރާއްޖޭގައި ފައިސާ ޗާޕެއް ނުކުރާނެ ކަމަށާއި އޭގެ ކުރިން ނިމިދިޔަ 5 އަހަރުގައި، 40 އަހަރު ނުކުރާ ވަރަށް ފައިސާ ޗާޕު ކުރި ކަމަށެވެ.
އެމަނިކުފާނުގެ ސަރުކާރުން ފައިސާ ޗާޕު ކުރުން ހުއްޓާލީ، ރައީސް ވިދާޅުވި ގޮތުގައި، ޤައުމުގެ އިޤްތިޞާދު ސަލާމަތް ކުރުމަށެވެ.
