މި ދުވަހު މަސްވެރިންނަށް ދޫކުރަން ޖެހޭ ފައިސާގެ ތެރެއިން 70 މިލިއަން ރުފިޔާ ދޫކުރާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިފްކޯއަށް މަސްކިރުވުމަށް ފަހު، މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ތެރެއިން ސަރުކާރުން ނުދީ ހުރި އަދަދު 380 މިލިއަނަށް އަރައެވެ. ކުރީ ސަރުކާރު ނިމުނުއިރު ވެސް، މަސްވެރިންނަށް ދޭން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ހުރީ ނުދީއެވެ.
ޝިޔާމް ވިދާޅުވީ އަންނަ ހޯމައިގެ ކުރިން ސަރުކާރުން ދޭން ބުނި 100 މިލިއަންގެ ތެރެއިން 70 މިލިއަން ދޫކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ދޭން ޖެޙޭ ފައިސާގެ ތެރެއިން، މޭ މަހުގެ ފަހެއްގެ ކުރިން އެއްކޮށް ބެކްލޮގް ކްލިއާ ކުރާނެ ކަމަށެވެ.

ޝިޔާމް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މިދިޔަ ވެރިކަމުގައި ވާރުތަވެފައި ހުރި ނުދެވި ހުރި ފައިސާ ހިމެނޭހެން، ފަހުން ދޫނުކުރެވި ހުރި ފައިސާ ވީހާވެސް އަވަހަށް ދިނުން ކަމަށެވެ.

ވެރިކަމާ ހަވާލުވުމަށް ފަހު މިދިޔަ ދޮޅު މަހެއްގެ ތެރޭގައި 200 އަށް ވުރެ ގިނަ އަދަދެއް މަސްވެރިންނަށް ދޫކުރެވުނުކަމަށް ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ މިއަދާއި ހަމައަށް އައިއިރު، ޖުމްލަ އަދަދަށް ބަލާއިރު މަސްވެރިންނަށް ދޭން ހުރީ 310 މިލިއަން ކަމަށެވެ.

އޭގެ ތެރެއިން އެކި ބައިތައް ދޫކުރުމަށް ފަހު، ނުދެވި ހުރި 280 މިލިއަން ރުފިޔާ މާޗު މަހުގެ 05 ކުރިން އެއްކޮށް ހަލާސް ކުރެވޭނެކަމުގެ ޔަގީންކަން މިއަދު ޝިޔާމް ދެއްވިއެވެ.