ވިލިމާލެ ވޯޓަރ ސްޕޯޓްސްއާ ދިމާލުގައި، ކަނޑުމަތީގައި ދެ ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ދެންމެ ބުނީ، މި އެކްސިޑެންޓު ހިނގި ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުނީ، މިރޭ 7:48 ހާއިރު ކަމަށެވެ.

މި އެކްސިޑެންޓުގައި 13 މީހަކަށް އަނިޔާވެގެން ވިލިމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ. އަނިޔާވެފައިވަނީ އިންޑިއާގެ އެފްކޮންސްގެ 10 މީހަކަށާއި އަނަންތަރާ3 ލޯންޗުގައި ހިމެނޭ ތިން މީހަކަށެވެ.

ފުލުހުން ބުނީ އަނިޔާވި މީހުންގެ ތެރެއިން 6 މީހަކު އިތުރު ފަރުވާ އަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

މި ހާދިސާ ހިނގި ސަރަހައްދުގައި މެރިން ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. ފުލުހުން ބުނީ، ކަން ހިނގައިދިޔަ ގޮތުގެ އިތުރު މަޢުލޫމާތު މީޑިއާތަކާ ހިއްސާ ކުރަމުންދާނެ ކަމަށެވެ.