މާލެ، ވިލިމާލެ އަދި ވިލިމާލެ ގުޅީފަޅު ކަނޑު އޮޅިން ދަތުރު ނުކުރުމަށް އަނެއްކާވެސް އިލްތިމާސްކޮށްފިއެވެ.

މި ކަނޑު އޮޅީގައި ރޭ ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ 13 މީހަކަށް އަނިޔާވެފައެވެ.

ވިލިމާލެ ވޯޓާ ސްޕޯޓްސްއާ ދިމާލު ކަނޑުމަތީގައި ރޭ ހިނގައިދިޔަ އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރެއިން ހަތް މީހަކަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ.

އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ.ޢަބްދުﷲ މުއްޠަލިބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރާތީ މާލެ-ވިލިމާލެ އަދި ވިލިމާލެ-ގުޅީފަޅު ކަނޑުއޮޅިން ދަތުރުކުރުން ޓްރާންސްޕޯޓް މިނިސްޓްރީން މަނާ ކޮށްފައިވާ ކަމަށެވެ.

މުއްތަލިބު ވިދާޅުވީ މި ކަނޑުއޮޅިން ދަތުރުކުރާނަމަ ލައިސަންސް ހިފަހައްޓާނެކަމުގެ އިންޒާރުވެސް ވަނީ ދީފައި ކަމަށެވެ.

އަދި މިފަދަ ހިތާމަވެރި އަދި ނުރައްކާތެރި ހާދިސާތަކުން ސަލާމަތްވުމަށް ކަނޑުގައި ދުއްވާ އުޅަނދުތަކުން މި ދެ ކަނޑުއޮޅިން ދަތުރު ނުކުރުމަށް ތަކުރާރުކޮށް އިލްތިމާސްކުރައްވާ ކަމަށް ވިދާޅުވިއެވެ.