ސަރުކާރުން މަސްވެރިންނަށް ތެލާއި އައިސް އަށް ދޭން ޖެހޭ ފައިސާއާއި މިފްކޯއިން މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ހިމެނޭހެން 522 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރޭ ހއ.އިހަވަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ، މި ރަށަކީ މަހަށް ފުރާ 15 ދޯނި އޮތް ރަށެއް ކަމަށާއި ރަށުގެ ރައްޔިތުންނަށްވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ މިފްކޯއަށް މިހާރު ކުރިމަތިވެފައިވާ ހާލަތުގެ ސަބަބުން ކުރިމަތިވެފައިވާ މައްސަލަ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، މިފްކޯ ރީސްޓްރަކްޗާކޮށް އެ ކުންފަކީ ބޭރުގެ އިންވެސްޓަރުން ޝައުގުވެރިވާ ކުންފުންޏަކަށް ހެދުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.
މި ސަރުކާރު އައި އިރުވެސް މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ ތެރެއިން 250 މިލިއަން ރުފިޔާ ވާރުތަވި ކަމަށާއި ކުރީ ސަރުކާރުން ފައިސާ ޗާޕުކޮށްގެންވެސް މަސްވެރިންނަށް ފައިސާ އޮތީ ނުދެވި ކަމަށެވެ. ނަމަވެސް މި ސަރުކާރުން ފައިސާ ޗާޕު ނުކޮށްވެސް، މަސްވެރިންނަށް ފައިސާ ދޫކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
ނޮވެމްބަރު 17 އިން ފެށިގެން މިހާތަނަށް މަސްވެރިންނަށް 522 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.
”އަޅުގަނޑު މިދަންނަވަނީ މަސްވެރިންނަށް ދޫކުރެވިފައި ހުރި ތެލާއި ކްރެޑިޓަށް ދޫކުރެވިފައި ހުރި އައިހުގެ ފައިސާ ހިމެނޭ ގޮތަށް“ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މި ސަރުކާރުން މަސްވެރިންގެ ކަންބޮޑުވުންތައް ހައްލުކުރާނެ ކަމަށާއި މިފްކޯ ހަމައަކަށް އެޅުމުން މަސްވެރިންގެ ކަންބޮޑުވުންތަކަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށެވެ.
