ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހުގައި، އެންމެ ފުރަތަމަ ފެއްޓެވި މަސައްކަތްޕުޅަކީ ދިވެހި ގައުމުގެ މިނިވަންކަމާއި އިސްތިގްލާލް ހިމާޔަތް ކުރުމުގެ މަސައްކަތް ކަމަށް ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް، އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހއ.ވަށަފަރުގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީީސް މުއިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ގައުމުގެ މިނިވަންކަން އޮތީ ގެއްލޭ ހިސާބުގައި ކަމަށެވެ.  އެމަނިކުފާނު އެންމެ ފުރަތަމަވެސް މަސައްކަތް ކުރެއްވީ އެކަން އިޔާދަ ކުރެއްވުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

”(ރައީީސް މުއިއްޒު) ވިދާޅުވީ، އެމަނިކުފާނުގެ އެންމެ ފުރަތަމަ ކަމަކީ ދިވެހީންގެ މިނިވަންކަން ކަށަވަރު ކޮށްދެއްވުމޭ.“

އޭނާ އިތުރަށް ވިދާޅުވީ، ދިވެހީންގެ މިނިވަންކަން އަލުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު، ”މި އޮޑިއަށް ފަންވަރު ހުރި، ހިތްވަރު ހުރި ފަޅުވެރިން“ ބޭނުންވާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ކެންޑިޑޭޓުންނަށް ތާއީދު ކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލައްވަމުން އަބްދުއްރަހީމް ވިދާޅުވީ ދިވެހީންގެ ނަވަށް ބޭނުންވާ މަންޒިލަށް ދެވޭނީ އޭރުން ކަމަށެވެ.

އަދި ކެޔޮޅު ކިތަންމެ މޮޅުވިޔަސް، ފަޅުވެރިން ކަންނެތް ވެއްޖެނަމަ، ބޭނުންވާ މިސްރާބަށް ނުދެވޭނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭނާ މިހެން ވިދާޅުވީއިރު، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލަން ސަރުކާރާއި އިންޑިއާ އާއި ދެމެދު ވަނީ އެއްބަސްވެފައެވެ. ރައީސް މުއިއްޒު ވަރަށް ފަހުން ވިދާޅުވެފައި ވަނީ، އަންނަ މެއި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ހުރިހާ އިންޑިއާ ސިފައިން ފޮނުވާލާ ނިމޭނެ ކަމަށެވެ.