ހދ.ނެއްލައިދޫ ރައްޔިތުންނަށް އިޤުތިޞާދީ ނަފާ ހޯދޭނެ ރަށެއްގެ ގޮތުގައި ކައިރީގައިވާ ހިރިނައިދޫ ހަމަޖައްސަވައިދެއްވާނެކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ނެއްލައިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ކައުންސިލުން އެރަށް ހޯދުމަށްޓަކައި އެކަމަށް ބޭނުންވާ ލިޔެކިޔުންތައް ހުށަހަޅައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

އެކިކަހަލަ މަސައްކަތްތައް ކުރާ މަސައްކަތްތެރިންނަށް އެމީހުން އެކުރާ މަސައްކަތަކުން އާމުދަނީ ހޯދޭނެ ވަސީލަތްތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ވަޢުދެއްކަން ފާހަގަ ކުރައްވައި، އެ މަސައްކަތްވެސް ބާރަށް ކުރިއަށްދާ ކަމުގައި ރައީސް ވިދާޅުވިއެވެ.

އެގޮތުން ކުރެވޭ މަސައްކަތުގެ ދަށުން މަސްވެރިކަމުގެ ދާއިރާއާއި އެހެންވެސް ފަންނުވެރި ދާއިރާތަކުގެ އުފެއްދުންތައް ވިއްކާނެ ޕްލެޓްފޯމެއް ގާއިމު ކޮށްދެއްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ހދ އަތޮޅާއި އަދި މުޅި އުތުރުގެ ހަތަރު އަތޮޅަށްވެސް އެންމެ މުހިންމު ކަމަކީ އެ ސަރަހައްދުގައި ފަތުރުވެރިކަން ފުޅާކުރުންކަން ފާހަގަކުރައްވާފައެވެ.

އެގޮތުން ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްޤީވެގެން އަންނައިރު ޚާއްސަކޮށް ހދ އަތޮޅުގައި ފަތުރުވެރިކަން ފުޅާކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާވަނީ ނެއްލައިދޫގެ ރައްޔިތުން ބޭނުންވާގޮތަށް، އެރަށުގައި ހައުސިންގ މަޝްރޫޢު ކުރިއަށް ގެންގޮސްދެއްވާނެކަމަށާއި، އަދި ބިނާރުގެ ތަރައްޤީއަށް ހުރި ކަންކަންވެސް ފުރިހަމަ ކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ.