މި ސަރުކާރުގެ ގެދޮރުވެރިކަމުގެ ވައުދު ފުއްދުމުގައި އެންމެ ބޮޑު ހިއްސާއެއް ލިބޭނީ ކުޅުދުއްފުށި ސިޓީއަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ހދ.ކުޅުދުއްފުއްޓަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި މިރޭ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް މުއިއްޒު ކުޅުދުއްފުށީގައި ދެއްކެވި ވާހަކަފުޅުގައި ވެސް، އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ އިގުތިސާދީ ހާލަތު އޮތްގޮތުގެ މައްޗަށް އަލިއަޅުވާލައްވައި، 120 ބިލިއަން ރުފިޔާގެ ދަރަނި ރައްޔިތުންގެ ބޮލުގައި އެޅިފައި އޮތް ކަމަށް ވިދާޅުވިއެވެ.

އަދި ސަރުކާރުގެ އެކި ކުންފުނިތަކުން ރައްޔިތުންނަށް ދޭން ޖެހޭ 9 ‏ބިލިއަން ުރުފިޔާ ހުރި ކަމަށް ވެސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ގައުމު މިހާލަތުގައި އޮތްއިރު، ސަރުކާރުން މަސައްކަތް ކުރަމުންދަނީ އާމްދަނީ އިތުރު ކުރެވޭނެ މަގުތައް ފަހިކޮށްގެން، މަޝްރޫއުތައް ހިންގުމަށް ކަމަށެވެ. ހާއްސަ ގޮތެއްގައި، ގެދޮރުވެރިކަމުގެ މަޝްރޫއުތަކަށް ސަރުކާރުން އިސްކަން ދޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް އިތުރަށް ވިދާޅުވީ، އެމަނިކުފާނުގެ ގެދޮރުވެރިކަމުގެ ވައުދު ފުއްދެވުމުގައި އެންމެ ބޮޑު ހިއްސާއެއް ލިބޭނީ ކުޅުދުއްފުށި ސިޓީ އަށް ކަމަށާއި، އެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

”ސަބަބަކީ، އާބާދީ ވަރަށް ބޮޑު، ތަރައްގީގެ ބޭނުމުގައި، މި ސިޓީއަށް ހިޖުރަ ކުރޭ މީހުން. ތަރައްގީ އެއްފަސް ވެވޭ، އާބާދީ ބޮޑު ކުރުމުގެ ޖާގަ އެބައޮތް، ބިން އަދި އިތުރަށް ބޮޑު ކުރެވެން ނެތް ނަމަވެސް، ޒޯނެއްގެ ގޮތުގައި އަޅުގަނޑުމެން މި ސަރަހައްދު މި ބަލަނީ، އުތުރުގެ ހަތަރު އަތޮޅު އެއްކޮށް.“ އެމަނިކުފާނު ވިދާޅުވިއެވެ.

މިރޭ ހދ.ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގެ ތެރެއިން

 

ރައީސް އިތުރަށް ވިދާޅުވީ އުތުރުގެ ސަރަހައްދީ ތަރައްގީ ޒޯންގެ މައި ހަބަކީ ވެސް ކުޅުދުއްފުށި ސިޓީ ކަމަށެވެ.

”އެހެންވީމަ، މި ސިޓީގެ ތަރައްގީއަށް އަޅުގަނޑުމެން، ކޮންމެ ގޮތެއް ވިޔަސް އިސްކަންދޭނެ.“

ރައީސް ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި، ކުޅުދުއްފުށީގައި 2000 ހައުސިން ޔުނިޓުގެ މަޝްރޫއުއެއް ހިންގުމަށް އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާނެ ކަމަށެވެ. އެ މަޝްރޫއުގެ އިތުރަށް ވެސް، އަދި އިތުރު 2000 ހައުސިން ޔުނިޓުގެ މަޝްރޫއުއެއް އެ ސިޓީގައި ކުރިއަށް ގެންދަވާނެ ކަމަށް އެމަނިކުފާނު މިރޭ ވިދާޅުވިއެވެ.

ރައީސް ތަކުރާރުކޮށް ދެއްވީ، އެމަނިކުފާނުގެ ސަރުކާރުން ނަތީޖާ ނެރޭނެކަމުގެ ޔަގީންކަމާއި، ވައުދުތައް ފުއްދަވާނެކަމުގެ ޔަގީންކަމެވެ.