މި ސަރުކާރުގެ އަމާޒަކީ އައްޑޫ ސިޓީއާއި ކުޅުދުއްފުށީގެ ސިއްހީ ހިދުމަތް ވަރަށް ބޮޑަށް ތަރައްގީކޮށް، ވެރިރަށް މާލެއަށް ދަތުރުނުކޮށް އެ ދެ ސިޓީން ސިއްހީ ހިދުމަތް ހޯދޭނެ ގޮތް ހެދުން ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވެފައިވަނީ ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު ވިދާޅުވީ މިއީ އެއް ދުވަހުން ދެ ދުވަހުން ކުރެވޭނެ ކަމެއް ކަމުގައި ނުވިޔަސް، އެ ސިޔާސަތު ކަނޑައަޅައި، މަސައްކަތްތައް ފެށިގެންދާނެ ކަމަށެވެ.
”އެއީ ހުވަފެނެއްގެ ގޮތުގައި އޮތަކަ ނުދޭނަން. ހަގީގަތަކަށް އިރާދަކުރެއްވިއްޔާ ހަދައިދޭނަން. ހަގީގަތަކަށް ވާނެ އެކަންތައް.“ ރައީ ވިދާޅުވިއެވެ.
ރައީސް ވަނީ ކުޅުދުއްފުށި ހޮސްޕިޓަލު ތަރައްގީ ވެގެން ދިޔުމުން އެ ތަނުގެ ވަޒީފާގައި ގިނައިން އުޅޭނީ ދިވެހީން ކަމަށް ވެސް ވިދާޅުވެފައެވެ.
ކުޅުދުއްފުށީގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ހިނގަ ހިނގާ ހުރި މަޝްރޫއުތައް ނިންމޭނެ މިންވަރާ ގާތަށް ވެސް އެމްޑީޕީން ބަޖެޓުގައި ފައިސާ ހިމަނާފައިނުވާކަން ފާހަގަކުރައްވައި އެކަމާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ މީގެ ކުރިން، ރައްޔިތުންގެ މަޖިލީހުން ބަޖެޓު ފާސްކޮށްދޭއިރު މިގޮތަށް އަމަލު ނުކުރާ ކަމަށާއި، އަބަދުވެސް ފަށާފައި ހުންނަ މަޝްރޫއުތައް ނިންމަން ބަޖެޓުގައި ފައިސާ ހިމަނާދޭ ކަމަށެވެ.
ނަމަވެސް މި ފަހަރު މިގޮތަށް ކަންތައް ދިމާވީ، މަޖިލީހުގެ މެޖޯރިޓީ ލިބިފައިވާ އެމްޑީޕީން މި ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދު ނުކުރާތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ސަބަބާހުރެ، ރަށްރަށުގައި ފަށާފައި ހުރި މަޝްރޫއުތައް ލަސްވާ ކަމަށާއި، އެކަމުގެ ޝަކުވާ ވެސް ރަށްރަށުގެ ކައުންސިލުތަކުން ކުރާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، މިއީ ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ސަރުކާރަށް ނުލިބުމުގެ ނަތީޖާއެވެ.
”އެހެންވީމަ، އެ އެއްބާރުލުން ނުލިބޭ މަޖިލީހަކާ އެއްކޮށް އަޅުގަނޑުމެންނަށް ދެވޭ ސްޕީޑު(އެއީ) އެހެންނަމަވެސް، މި ހަފްތާ14ގައި ކުރަން ނިންމި ހުރިހާ ކަމެއްގެ، ހަމަ ގާތްގަނޑަކަށް އެ ވަނީ އަޅުގަނޑުމެން ދާން ބޭނުންވި މިސްރާބަށް ވާސިލުވެވިފަ، މި ހުރިހާ ދަތިތަކާ އެކީގަ،“ ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، ސަރުކާރަށް އެއްބާރުލުން ދޭނެ މަޖިލީހެއް އޮވެއްޖެނަމަ، މާ ފުރިހަމައަށް އެކަން ކުރެވޭނެ ކަމަށެވެ.
އެގޮތުން ގެދޮރުވެރިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް މަޖިލީހުން، ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް އެބަހުރި ކަމަށާއި، އެކަމަށްޓަކައި ވަރަށް މުހިންމު ބިލުތަކެއްވެސް ޑްރާާފްޓް ކުރަމުން އަންނަ ކަމަށް ރައީީސް ވިދާޅުވިއެވެ.
