ރައީސް ޑރ. މުޙައްމަދު މުޢިއްޒު ށ.ޅައިމަގު ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ރޭ ށ.އަތޮޅު ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުންވަނީ ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ މައިގަނޑު ކަންކަން ރައީސްއާ ހިއްސާކުރައްވާފައެވެ.

އެގޮތުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ބަނދަރު ތިލަވުން ފާހަގަކުރައްވައި، އެކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މިގޮތުން، ބަނދަރު މަޝްރޫޢަށް ރައްޔިތުން ގެންނަން ބޭނުންވާ ބަދަލުތައްވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.

ހަމަ އެއާއެކު ކުނި މެނޭޖުކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކޮށްދެއްވުމަށާއި، ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ރައްޔިތުން ހުށަހަޅާ ގޮތްތައް ކައުންސިލުން ހިއްސާކުރެއްވިއެވެ. މީގެ އިތުރުން ކުޅިވަރުގެ ދާއިރާ އާއި ޞިއްޙީ ދާއިރާ އިތުރަށް ކުރިއެރުވުމަށް ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ޅައިމަގުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންވަނީ ބަޖެޓުގެ ދަތިކަމުން ކުރިމަތިވާ ގޮންޖެހުންތައް ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ އ.ތ.މ. ކޮމިޓީއަށް އެލަވަންސް ދިނުމަކީ ރައްޔިތުންގެ މަޖިލީހުން ނިންމެވެން އޮންނަކަމެއްކަމަށާއި، މަޖިލީހުން އެކަމަށް ކާމިޔާބެއް ހޯދުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގައެވެ.

ހަމައެއާއެކު، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.