ށ. ކޮމަންޑޫއާއި އެ ރަށާ އެއް ފަޅެއްގައި އޮންނަ މަތި ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް މި އަހަރު ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދެ ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް ފެށީ ނިމިގެން ދިޔަ ސަރުކާރުގައި 2022 ވަނަ އަަހަރު ކޮމަންޑޫ ދާއިރާ އޭރު ތަމްސީލު ކުރައްވަމުން ގެންދެވި މަޖިލިސް މެމްބަރު ހުސެއިން އަވަހާރަވުމާ ގުޅިގެން އެ ދާއިރާގެ ބައި އިލެކްޝަނާ ދިމާކޮށެވެ.

އެ މަސައްކަތަށް ދެ އަހަރު ވާން ކައިރިވާ އިރުވެސް އެކަށީގެންވާ ސްޕީޑްގައި އެ މަސައްތަކެއް ކުރިއަކަށް ނުދެއެވެ.

ރައީސް މުއިއްޒު މިއަދު ކޮމަންޑޫގައި ވާހަކަ ދައްކަވަމުން ވެސް އެކަން ފާހަގަ ކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ކޮމަންޑޫއަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ މައްސަލައަށް ވެސް އަލި އަޅުވާލެއްވިއެވެ. އަދި ގޯތި ގެދޮރުގެ މައްސަލަ ހައްލުކުރުމަކީ ދެވަނައަށް އެންމެ އިސްކަން ދޭ މަޝްރޫއެއްގެ ގޮތުގައި ހިންގަވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.