ނ.ފޮއްދޫގެ ބަނދަރު ތަރައްޤީކުރުމަށްޓަކައި މިހާރު ފާސްކޮށްފައިވާ ޑިޒައިންއާ ގުޅިގެން، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާ ހިއްސާކުރައްވައިފިއެވެ.

މި ކަންބޮޑުވުންތައް އެމަނިކުފާނާއި ހިއްސާކުރައްވާފައިވަނީ މިހާރު ރައީސް ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރުފަހު ނ އަތޮޅުގެ ހޮޅުދޫއަށް ވަޑައިގެން ހުންނަވަނިކޮށް ފޮއްދޫގެ ބައެއް ރައްޔިތުންގެ އެދުމުގެ މަތީން އެބޭފުޅުންނާއި ބައްދަލުކޮށްލެއްވުމުންނެވެ.

މިއަދު ހޮޅުދޫގެ ކައުންސިލް އިދާރާގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި ފޮއްދޫގެ ހަރު އުމުރުފުރައިގެ ބައެއް ރައްޔިތުން ވަނީ ފޮއްދޫގެ 180 ރައްޔިތެއްގެ ސޮޔާއެކު، ބޭނުންވާ ބަދަލުތަކާ ގުޅޭ ޕެޓިޝަނެއް ރައީސްއަށް ހުށަހަޅުއްވައިފައެވެ.

އަދި މިބައްދަލުކުރެއްވުމުގައި އެބޭފުޅުން ބޭނުންފުޅުވާ ބަދަލުތައް ރައީސްއާ ތަފުޞީލީ ގޮތެއްގައި ހިއްސާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރައްޔިތުންގެ ފަރާތުން ހުށަހެޅުއްވި ބަދަލުތައް، ކަމާ ގުޅޭ މުއައްސަސާތަކާ މަޝްވަރާކުރައްވައި އެކަންކަން ބައްލަވާނެކަމުގައެވެ.