ގާނޫނާއި ހިލާފު އެއްވެސް ކަމެއް ނުކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން އެންމެހާ ދިވެހި ރައްޔިތުންނަށް ދެއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

މި އަހަރުގެ ރޯދަ މަހުގައި ބާއްވަން ނިންމާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސް ކުރުމަށް، މަޖިލީހުން ދެވަނަ ފަހަރަށް ފާސްކޮށްފައިވާއިރު، ރައީސް އެ ބިލު ތަސްދީގު ކުރައްވާނެ ކަމާމެދު، އިދިކޮޅު ފަރާާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.

މަނަދޫގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެމަނިކުފާނު ވެރިކަން ކުރައްވަނީ ރައްޔިތުންނަށްޓަކައި ކަމަށެވެ. އަދި ވެރިކަން ކުރައްވާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށާއި، އެކަމުގެ ޔަގީންކަން މުޅި ރާއްޖޭގެ ރައްޔިތުންނަށް ދެއްވާ ކަމަށް ވެސް ވިދާޅުވިއެވެ.

”އަޅުގަނޑު މުޅި ރާއްޖޭގެ ރައްޔިތުންނަށް ދޭ ޔަގީންކަމަކީ، ހަމަ އެއްވެސް ކަމެއް ނުކުރާނަމޭ، ގާނޫނު އަސާސީއާ ހިލާފަކަށް. އަޅުގަނޑުގެ ކިބަޔަކުން ނުފެންނާނެ، ނުވެސް ކުރާނަން ގާނޫނު އަސާސީއާ ހިލާފަކަށް. އަޅުގަނޑު މި ހުރީ ﷲ ގަންދީ ހުވައެއް ކޮށްގެން. އަޅުގަނޑަކީ، އަދި ހުވައެއް ނުކުރިޔަސް، ބަހުގެ އިތުބާރު އޮންނަން ބޭނުންވާ މީހެއް.“ އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒު ނ.މަނަދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިން-

 

ގައުމުގެ ހާލަތު އޮތްގޮތުން، މި އިތުބާރު ރައްޔިތުންގެ ފަރާތުން ބޭނުންވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ކަންކަން ވާނެ މަގު ފެންނަން އޮތްއިރު އެ މަގުން ދާންވާނެ ކަމަށެވެ.

ރައީސް ފާހަގަކުރެއްވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި އެމަނިކުފާނު ގިނަ ވައުދުތަކެއް ވެވަޑައިގެންނެވިއިރު، އެ ވައުދުތައް ފުއްދަން ފަސޭހަ ވާނީ ސަރުކާރަށް އެއްބާރުލުން ދޭނެ މެމްބަރުން މަޖިލީހަށް ހޮވައިގެން ކަމެވެ.