އެއާ އެމްބިއުލާންސްގެ ހިދުމަތް ދިނުމަށް ބޭނުން ކުރާ މަތިންދާބޯޓަކީ ބާވެފައިވާ ބޯޓެއް ކަމަށް ބުނެ ފަތުރާ ވާހަކަތަކަށް އައިލެންޑް އޭވިއޭޝަނުން ރައްދު ދީފިއެވެ.

މިއަދު ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށާފައެވެ. މި ހިދުމަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުފުޅު މިއަދު ފުއްދެވުމުން، އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުން ކުރަނީ، ބާވެފައިވާ ބޯޓެއް ކަމަށް ބުނެ، އެ ބޯޓުގެ ސަލާމަތާއި ރައްކާތެރިކަމާމެދު އިދިކޮޅު ބައެއް ފަރާާތްތަކުން ސުވާލު އުފައްދަން ފެށިއެވެ.

މޯލްޑިވިއަނުން ބުނީ، އެއާ އެމްބިއުލާންސްގެ ހިދުމަތް ދިނުމަށް ބޭނުންކުރާ ޑޭޝް 08 މަރުކާގެ މަތިންދާބޯޓަކީ އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުން ކުރުމަށް ބަދަލުތައް ގެނައުމުގެ ކުރިން މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތަކުގައި ބޭނުން ކުރަމުންދިޔަ ބޯޓެއް ކަމަށެވެ.

”އެއާ އެމްބިއުލާންސްގެ ގޮތުގައި ބޯޓު ތައްޔާރު ކުރެވިފައި ވަނީ، އިމަޖެންސީ ފަރުވާ އޭގައި ދެވޭގޮތަށް މެޑިކަލް އިކުއިޕްމަންޓްތައް ހަރުކޮގެންނެވެ.“

އައިލެންޑް އޭވިއޭޝަނުން ބުނީ، އެ ކުންފުނިން މަތިންދާބޯޓު ދުއްވުމުގައި އެންމެ އިސްކަން ދޭނީ ފަޅުވެރިންނާއި ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށެވެ.

އެއާ އެމްބިއުލާންސްގެ މިއަދު ފެށީ، ފަނަރަ ސިއްހީ ހިދުމަތްތެރިންނާއި ވެސް އެކުގައެވެ.