ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރ އަދި ބ އަތޮޅަށް ފުރާވަޑައިގެންފިއެވެ.

ރިޔާސީ އިންތިހާބަށް ފަހު، ރައްޔިތުންގެ އަރިހަށް ދަތުރުފުޅު ކުރެއްވުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅުކެވެ.

އެމަނިކުފާނު މިދިޔަ ހަފްތާގައި ވަޑައިގެންނެވީ އުތުރުގެ ހަތަރު އަތޮޅަކަށެވެ. އެއީ ހއ، ހދ، ށ އަދި ނ އަތޮޅެވެ. ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ އަމާޒަކީ މި އަހަރު ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަތުން ކަމަށެވެ.

ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ކޮންމެ ރަށަކަށް ދެ ފަހަރު ވަޑައިގަތުމަކީ އަމާޒު ކަމަށް ވިދާޅުވިއެވެ.

”އަޅުގަނޑު ވިސްނައިގެން މިހުރީ މި 2024 ގެ ތެރޭގައި ހުރިހާ ރަށަކަށް އެއްބުރު ދިޔުމަށްފަހު، މެދަށް އެއް އަހަރު ދޫކޮށްފައި، 2026 ގައި އަނެއްކާވެސް ހުރިހާ ރަށަކަށް އެއް ބުރު ދަތުރުކުރާ ގޮތަށް،“ ނ.މަނަދޫގައި، ރައީސް ވިދާޅުވިއެވެ.