މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އާދިއްތަ ދުވަހެއްގައި ބާއްވާ ސަބަބު، އިލެކްޝަންސް ކޮމިޝަން(އީީސީ)ގެ ރައީސް ފުއާދު ތައުފީގު ސާފުކޮށްދެއްވައިފިއެވެ.

އިންތިހާބުތައް ރޯދަ މަހު ނުބޭއްވޭ ގޮތަށް މަޖިލީހުން ފާސްކުރުމާ އެކު މަޖިލީސް އިންތިޚާބު ބާއްވާ ތާރީހަކީ އޭޕްރިލް މަހުގެ 21 ވާ އާދިއްތަ ދުވަހު ކަމަށް އީސީން ވަނީ ނިންމާފައެވެ. އެދުވަސް ދިމާވަނީ އާދީއްތަ ދުވަހަކާއެވެ.

އެކަމާގުޅިގެން ކުރިމަތިވަމުންދާ ފާޑުކިޔުންތަކަށް ޖަވާބު ދެއްވަމުން އީސީގެ ރައީސް ފުއާދު ވިދާޅުވީ އެގޮތަށް ކަނޑައެޅުއްވީ 21 އޭޕްރީލަކީ ރޯދަމަސް ނިމި 10 ދުވަސް ދިނުމަށްފަހު ލިބޭ ފުރަތަމަ ދުވަހަށް ވުމުން ކަމަށެވެ.

އަދި ހަމައެއާއެކު އިތުރަށް އިންތިޚާބު ލަސްކޮށްފިނަމަ ޤާނޫނުގައި ބުނާގޮތަށް މިހާރު އެކުލަވާލާފައިވާ މަޖިލީސް އުވުމުގެ އެއް މަސް ދުވަސް ކުރިން އާ މަޖިލީސް ނުހޮވިދާނެ ކަމަށް ފެންނަ ކަމަށްވެސް ފުއާދު ވިދާޅުވެފައިވެއެވެ.

އީސީން މަޖިލީސް އިންތިހާބު ބޭއްވުމަށް ފުރަތަމަ ނިންމާފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ. ނަމަވެސް އެދުވަސް ރޯދަ މަހުގެ ދުވަހަކަށް ދިމާވާތީ މަޖިލީހުން ވަނީ އެއްވެސް އިންތިހާބެއް ރޯދަމަހުގައި ނުބޭއްވޭގޮތަށް އިންތިހާބާ ބެހޭ ގާނޫނު އިސްލާޙު ކޮށްފައެވެ.