ރައްޔިތުން ބޭނުންވާ ފުރިހަމަ ތަރައްޤީ ގެނެސްދޭން ބޭނުންވާކަމަށާއި، ރެޔާ ދުވާލު އެމަނިކުފާނުގެ ފޯކަސް ހުރީ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދެއްވުމަށްކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު މެންދުރުފަހު މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަލިފުށި ސުކޫލުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އަލިފުށި ތަރައްޤީކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވައިލައްވައި އެ ރަށުގެ ފަތުރުވެރިކަމާއި، ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ކުރައްވާނެ މަސައްކަތްތައް ރައްޔިތުންނާއި ހިއްސާކުރައްވާފައެވެ.

”އަޅުގަނޑު ބޭނުންވަނީ ނަތީޖާ ނެރެދޭން“ ކަމުގައި ވިދާޅުވެ ރައީސް ވަނީ މި ސަރުކާރު ހަވާލުވާތާ ފުރަތަމަ 14 ހަފްތާ ތެރޭގައި ކުރަން ކަނޑައަޅާފައިވާ ހުރިހާކަމެއް ފުރިހަމަ ކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ.

އަދި އިއްޔެ ތަޢާރަފުކުރި އެއަރ އެމްބިއުލާންސާ ގުޅޭ މަޢުލޫމާތު ރައްޔިތުންނާ ހިއްސާ ކުރައްވައި ރައީސް ވިދާޅުވީ ދިވެހިންނަށް އަމިއްލައަށް މި ޚިދުމަތް ދެވޭނެ ގޮތް މިކަމުގެ ސަބަބުން ހަމަޖެހިގެން ދާނެކަމުގައެވެ. މީގެ އިތުރުންވެސް، މި ސަރުކާރުން، ދެން ހުރި ކަންކަމުގައިވެސް އަމިއްލަ ފައިމައްޗަށް ތެދުވެވޭތޯ މަސައްކަތްކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ފަށާފައިހުރި މަޝްރޫޢުތައް ނިންމުމުގައި ހުރި ހުރަސްތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ މިއަހަރަށް ފާސްކޮށްފައި ހުރީ ގިނަ މަޝްރޫޢުތައް ނިންމެވޭވަށް ވުރެ މާ ކުޑަ ބަޖެޓެއް ދީގެން ކަމަށެއެވެ. އެހެންނަމަވެސް އިތުރު ގޮތްތައް ހޯއްދަވައިގެންވެސް ރަށްރަށުގެ ތަރައްޤީއަށް ފަށާފައި ހުރި މަޝްރޫޢުތައް ނިންމަވައި، އަދި އިތުރަށް މި ސަރުކާރުންވެސް ރަށްރަށުގެ ތަރައްޤީއަށްޓަކައި ވަޢުދުވެފައިވާ ކަންކަންވެސް ކޮށްދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.