ޗައިނާ ސަރުކާރުން ހަދިޔާކޮށްފައިވާ، 12 ގްރީން އެމްބިއުލާންސް، ޞިއްޙީ ވުޒާރާއަށް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ޝަރަފުވެރި ކޮށްދެއްވައިފިއެވެ.
މި ރަސްމިއްޔާތު ކުރިއަށްދިޔައީ މިއަދު ހަވީރު ރޯޝަނީ ބިލްޑިންގގައެވެ.
މިއަދު ހަވާލުކުރި އެމްބިއުލާންސްތަކާއެކު، ކާރިސާ ވަގުތުތަކުގައާއި، އެމެޖެންސީ އަދި އެކްސިޑެންޓް ތަކުގައި ބަލިމީހުންނަށް ފޯރުކޮށްދެންޖެހޭ ޞިއްޙީ ކުއްލިފަރުވާ، ރަށްތަކުގައި އަވަހަށް ފޯރުކޮށްދިނުމަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެއެވެ.
އަދި ބޮޑެތި ޕެރަމެޑިކް އެމްބިއުލާންސްތައް ދުއްވުމަށް ދަތިވާ ކުދި ރަށްތަކުގައި ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމުގައި އިތުރު ފަސޭހަކަމެއް ލިބިގެންދާނެއެވެ.
މި ރަސްމިއްޔާތުގައި، އެމްބަސީގެ ފަރާތުން ހަދިޔާކުރި ގްރީން އެމްބިއުލާންސްތައް ޞިއްޙީ ވުޒާރާއާ ހަވާލުކުރުމުގެ ސެޓްފިކެޓުގައި ސޮއިކުރެއްވުންވެސް އޮތެވެ.
