ސަރުކާރުން ރައްޔިތުންނަށްޓަކައި ކުރަން ބޭނުންވާ ކަންކަމުގައި، ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދެއްވާނަމަ، އެކަންކަން ބާރު ސްޕީޑުގައި ކުރެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު މެންދުރު ބ.ހިތާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހިތާދޫގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައްޔިތުންގެ އުންމީދުތަކުގައި އެމަނިކުފާނު ކުލަޖައްސަވައި ދެއްވާނެކަމަށެވެ. އަދި ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދެއްވާއިރު ރައްޔިތުން އެންމެ ބޭނުންވާ ކަންތައްތަކަށް އިސްކަންދީގެން މަސައްކަތް ކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން ބަނދަރުގެ މަޝްރޫއުއަށް ރައްޔިތުން ބޭނުންވާ ބަދަލުތައް ގެނެސް، އެ މަޝްރޫއު ފުރިހަމަކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ހިތާދޫގެ ބިން އިތުރުކުރުމުގެ މަޝްރޫއު މި އަހަރުތެރޭގައި ފެށުމަށް މަސައްކަތް ކުރައްވާކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ކުޅިވަރުގެ ދާއިރާއާއި، ސިއްހީ އަދި ތައުލީމީ ދާއިރާއިން ހިތާދޫގެ ރައްޔިތުން އެދިވަޑައިގަންނަވާފައިވާ ހުރިހާ ކަމެއް ކޮށްދެއްވާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ.

ހަމަ އެއާއެކު ދެންވެސް ރައްޔިތުންނާއި ރަށުގެ ތަރައްގީއަށް ކަންކަންކޮށްދެއްވައި ރައްޔިތުންނަށް ނަތީޖާ ނެރެދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.