ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އެއް ފެށުމަށްޓަކައި ބޭނުންވާ އަދަދަށް މެންބަރުން ހަމަނުވުމާއި ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރުކޮށްލަން ޖެހިއްޖެއެވެ.

މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ސަލީމް މާލޭގައި މިވަގުތު ނޫޅުއްވާތީ، މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގެ ދަށުން މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުން ހަވާލުކުރީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އަށެވެ.

މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމާ ހަވާލުވެވަޑައިގަތުމަށް ފަހު، ގާތްގަނޑަކަށް ފަސް މިނެޓު ވަންދެން މަޑުކުރެއްވުމަށް ފަހު އަބްދުލްޣަފޫރު ވިދާޅުވީ، އެވަގުތު ޖަލްސާ އަށް ހާޒިރުވެވަޑައިގަތީ 11 މެންބަރުން ކަމަށާއި، އެހެންކަމުން ޖަލްސާ ފެށުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަނުވާ ކަމަށެވެ.

އެހެންވެ އޭނާ ނިންމެވީ 9:30 ވަންދެން މަޑުކުރުމަށް ފަހު، ޖަލްސާ އަލުން ފެށޭތޯ މަސައްކަތްކުރުމަށެވެ.

ނަމަވެސް 9:35 ހާއިރު އަބްދުލްޣަފޫރު ވިދާޅުވީ، ޖަލްސާ ކުރިއަށް ގެންދިއުމަށްޓަކައި ބޭނުންވާ އަދަދަށް މެންބަރުން ހަމަނުވާ ކަމަށެވެ.

ނަމަވެސް މަޖިލީހުގެ ޖަލްސާ އެއް ދެން އޮންނާނެ ސީދާ ތާރީހެއް އޭނާ ވިދާޅެއް ނުވެއެވެ.