ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، އެއް މަސް ދުވަހުގެ ތެރޭގައި 130އަށްވުރެ ގިނަ ކައުންސިލާ ބައްދަލު ކުރައްވައިފިއެވެ.
ރޭ ވ.ފެލިދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، މަސް ދުވަހުގެ ތެރޭގައި، ރޭގެ ނިޔަލަށް 138 ކައުންސިލާ އެމަނިކުފާނު ބައްދަލު ކުރައްވާފައިވާ ކަމަށެވެ.
”(ކައުންސިލުތަކާ) ބައްދަލުވީއިރުގަ، އަޅުގަނޑަށް ހަމަ ވަރަށް ފަސޭހަވެގެން ގޮސްފި، އަދި ބައެއް މިނިސްޓަރުންނާ އެކީގަ ދަތުރުތައް މި ކުރަނީ، ވަގުތުން ކަންކަމަށް ކައުންސިލުތަކަށް އެބަ ޖަވާބު ދެވޭ. އެކި ކުންފުނިތަކުގެ ވެރިން އެބަ ބައިވެރި ކުރެވޭ. ކަންކަން އަވަސް ވެގެން އެބަދޭ. ކައުންސިލުތަކުން ވެސް އަޅުގަނޑު ގަބޫލުކުރަނީ، އެކަން އެޕްރިޝިއޭޓް ކުރައްވާނެ ކަމަށް. “ ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މިހާރު ކުރިއަށްދާ ކައުންސިލު ބައްދަލުވުންތަކުގެ އަލީގައި، ކުރިއަށް އޮތް ދުވަސްތަކުގައި ސަރުކާރުން ވަރަށް ބާރު ދުވެލީގައި މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށެވެ. 138 ކައުންސިލާ ބައްދަލުކުރެއްވުނުއިރު، އެ ބައްދަލުވުންތަކުގައި، ކައުންސިލުން ފާހަގަކުރާ ހުރިހާ މައުލޫމާތެއް ލިޔުއްވަމުން ގެންދަވާ ކަމަށާއި، މިހާރު ކުރިއަށްދާ ދަތުރުފުޅު ނުހިމަނައި، އޭގެ ކުރީގެ ދަތުރުތަކުގެ މަސައްކަތްތައް ރައީީސް އޮފީހުން މިހާރު ފަށާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
”މިހާރު ވާނީ، އެ ކައުންސިލުތަކުން ހުށަހެޅި ހުރިހާ ކަމެއް، އެކަމާ ގުޅޭ މިނިސްޓްރީތަކާ ކުންފުނިތަކަށް، އެކަންކަން ކުރިއަށް ގެންދިޔުމުގައި، އަވަސް ކުރުމުގައި، ހައްލު ކުރުމުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަން އެންގިފަ.“
ރައީީސް ވިދާޅުވީ، ކައުންސިލުތަކުން ފާހަގަކުރި ކަންކަން އަޕްޑޭޓް ކުރާނެ ޕޯޓަލްއެއް ވެސް ގާއިމު ކޮށްފައިވާނެ ކަމަށާއި، އެ ޕޯޓަލްއަށް އަޕްޑޭޓު ކުރަމުން ދިޔުމަށް ވެސް ދަންނަވާފައިވާނެ ކަމަށެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، ބޭނުންފުޅުވެލެއްވީ ވީހާވެސް އަވަހަށް ރައްޔޔިތުންގެ ހާލު ބަލައި، މަސައްްކަތްތައް އަވަހަށް ފަށަން ކަމަށާއި، އެކަމުގެ ސަބަބުން ގިނަ ގުނަ ކަންތައްތައް މި އަހަރުގެ ތެރޭގައި ހާސިލު ވެގެންދާނެ ކަމަށެވެ.
