ރަމަޟާންމަހަށް ހާއްސަކޮށް ހުޅުމާލެ ފޭސް ދޭއްގައި ވަގުތީ މިސްކިތެއް ހުޅުވައިފިއެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން މި މިސްކިތް ހުޅުވީ މިއަދު އަސުރު ނަމާދަށްފަހުއެވެ. އެޗްޑީސީން ބުނީ ރޯދަ މަހާއި ދިމާކޮށް ހުޅުވި މަސްޖިދުލް ޝާކިރީން މިސްކިތުގައި އެއް ފަހަރާ 100 މީހުންނަށް ނަމާދު ކުރެވޭ ކަމަށެވެ.
އެޗްޑީސީއިން ބުނީ މި މިސްކިތަކީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ އިސްރަށްވެހިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އެ ކުންފުނިން ކުރިއަށް ގެންގޮސްފައިވާ މަޝްރޫއުއެއް ކަމަށެވެ.
މި މިސްކިތް މިއަދު ހުޅުވާފައިވާއިރު ހުޅުމާލެ ފޭސް ދޭއްގައި ބިނާކުރެވޭ ފުރަތަމަ ދާއިމީ މިސްކިތް މާދަމާ ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.
