ޅ.ނައިފަރަކީ މި ސަރުކާރުން ތަރައްގީ ކުރުމަށް ނިންމަވާފައިވާ ހަތް އާބަން ސެންޓަރުގެ ތެރެއިން އެއް ސެންޓަރުކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ނައިފަރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިފަރުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް އެންމެ މުހިންމީ ދެމެހެއްޓިނިވި ތަރައްގީ ހާޞިލްވާގޮތަކަށް ކަންކަން ކުރުންކަމުގައެވެ.
އެގޮތުން މި ސަރުކާރުގެ މާސްޓަރ ޕްލޭންއާ އެއްގޮތަށް ހަތް އާބަން ސެންޓަރު ޤާއިމުކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ސެންޓަރުތަކުން ދެމެހެއްޓިނިވި ގޮތެއްގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެންމެ މަތީ ފެންވަރުގައި ހުރިހާ ދާއިރާތަކުން ޚިދުމަތްތައް ދެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ވިދާޅުވީ އާބަންސެންޓަރުގައި ސިއްހީ ނިޒާމުގެ ތެރެއިން އެންމެ މުހިންމު ހުރިހާ ދާއިރާއަކުން ހިދުމަތް ދެވެން ހުންނާނެކަމަށެވެ.
އެގޮތުން އެކިކަހަލަ ތެރެޕީތައްވެސް ދެވޭނެކަމުގައި އެމަނިކުފާނު ފަހަގަކުރެއްވިއެވެ. އަދި ތައުލީމީ ނިޒާމުވެސް އެންމެ މަތީ ފެންވަރުގައި ޤާއިމުކުރައްވާނެކަމަށާއި، މަގުތައްވެސް އެންމެ ރަނގަޅަށް ހަދައި އަދި ދެންހުރި ކަންކަން ވެސް އެންމެ ރަނގަޅަށް ގާއިމުކުރެވިފައި ހުންނާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ނައިފަރުގައި ބިން ބޮޑު ކުރުމުގެ މަޝްރޫއެއް ފެށިފައި އޮތް ނަމަވެސް އެއީ ރައްޔިތުން އެދޭ މިންވަރަށް ހިނގާ މަޝްރޫއަކަށް ނުވާކަމުގައި ފާހަގަކުރައްވައި، މިހާރު ފަށާފައިވާ ބިންހިއްކުމުގެ މަޝްރޫއު ނިމޭ އިރު، ރައްޔިތުން އެދޭވަރަށް 45 ހެކްޓަރު ބިން ހިއްކައިދެއްވާނެކަމުގައި ވިދާޅުވެފައެވެ. އަދި އެކަމުން ރައްޔިތުންނަށް ލިބިގެންދާނެ ފައިދާތައް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
.
