ސަރުކާރު ބަދަލުވުމާ ގުޅިގެން ނައިބު ރައީސް ހިމެނޭ ގޮތަށް ސަރުކާރުގެ އެކި މަގާމުތަކާ ހަވާލުވެވަޑައިގެންނެވުމަށްޓަކައި ހަތް މެންބަރަކު މަގާމުން އިސްތިއުފާދެއްވުމުން، މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީން ވަނީ ޖުމުލަ މެންބަރުން ގުނާއިރު އެ ހަތް މެންބަރުން ނުހިމަނާ ގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހުކޮށްފައެވެ.
މިއަދު ބާތިލް ކުރަން ހުށަހެޅި މާއްދާގައި ވަނީ މެމްބަރުކަމުން ވަކިވުމުގެ ސަބަބުން މެމްބަރުކަމުގެ ގޮނޑި ހުސްވި ތާރީހުން ފެށިގެން މަޖިލީހުގެ ކުރިއަށް އޮތް އާންމު އިންތިހާބާ ދެމެދު ހަ މަސް ދުވަސް ނުވަތަ އެއަށްވުރެން ކުރު މުއްދަތެއް އޮތުމުން އެ ހުސްވި ގޮނޑިއަކަށް މެމްބަރަކު އިންތިހާބު ކުރެވެން ނެތް ހާލަތުގައި، ޖުމްލަ މެމްބަރުންގެ އަދަދު ގުނުމުގައި އެ ހުސްވި ގޮނޑި ނުހިމެނޭނެ ކަމަށެވެ.
އެއާއެކު ޖަލްސާ ފައްޓަވަމުން އަސްލަމް ވިދާޅުވީ ސުޕްރީމް ކޯޓުން ކުރި ހުކުމުން މަޖިލީހުގެ ގަވާއިދަށް ގެނައި ބަދަލު ގާނޫނު އަސާސީއާ ހިލާފު ކަމަށް ކަނޑައަޅާފައިވާތީ ގަވާއިދަށް ގެނައި އިސްލާހު އުވައިލަން ހުށަހަޅުއްވާ ކަމަށެވެ.
ސުޕްރީމް ކޯޓުން އެ މާއްދާ އުވާލާފައި ނުވާކަން ފާހަގަ ކުރައްވަމުން އަސްލަމް ވިދާޅުވީ މަޖިލީހުގެ ގަވާއިދުގައި އެ މާއްދާ އުވާލެވޭނީ މަޖިލީހުން ކަމަށްވާތީ މަޖިލީހުގެ ގަވާއިދުގެ 242ގެ އެއްވަނަ މާއްދާ އިތުރުކޮށްފައިވާ މާއްދާއަށް މަޖިލީހުން ގޮތެއް ނިންމަވައި، އުވާލައި ދިނުމުގެ މައްސަލަ މަޖިލީހަށް ގެނެސްގެން ކަމަށެވެ.
އެ އިސްލާހު މަޖިލީހުން ގެނެސްފައިވަނީ ރައީސް އަދި ނައިބު ރައީސް މަގާމުން ދުރުކުރުމުގެ މަސައްކަތް ފަށާފައިވަނިކޮށެވެ.
