ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވަނީ، ޕީޕީއެމަށް ރައްޔިތުންގެ ލޯބި އިހުނަށްވުރެ ވެސް އިތުރު ކުރެއްވުމަށް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވި ވާހަކަފުޅަކާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ
ރައީސް ޔާމީން ވިދާޅުވީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ފިކުރު ތަޣައްޔަރުކުރަން ބަޔަކު ކިތަންމެ ވަރަކަށް މަސައްކަތްކުރެއްވި ނަމަވެސް އެކަން ނުވާނެ ކަމަށެވެ.
ޝިޔާމް ވިދާޅުވީ އެއީ ވަރަށް ރަނގަޅު ވާހަކަފުޅެއް ކަމަށާއި، ޕީޕީއެމްގެ ފިކުރު ތަޣައްޔަރު ނުވާ ކަމަށެވެ.
”އަދި الله އިރާދަފުޅުން ނުވެސް ކުރެވޭނެ. މިއަދު ޕީޕީއެމް/ ޕީއެންސީ ކޯލިޝަން ލީޑަރަކަށް ރައީސް ޑރ.މުއިއްޒު ހުންނަވައިގެން މަސައްކަތްޕުޅު އެކުރައްވަނީ ރައްޔިތުންގެ ލޯބި އިހުނަށްވުރެވެސް ޕީޕީއެމްއަށް އިތުކުރައްވަން.“
ވަރަށް ރަނގަޅު ވާހަކަފުޅެއް. ޕީ.ޕީ.އެމް ގެ ފިކުރު ތަޣައްޔަރެއްނުވޭ އަދި الله އިރާދަފުޅުން ނުވެސް ކުރެވޭނެ. މިއަދު ޕީޕީއެމް – ޕީއެންސީ ކޯލިޝަން ލީޑަރަކަށް ރައީސް ޑރ. @MMuizzu ހުންނަވައިގެން މަސައްކަތްޕުޅު އެކުރައްވަނީ ރައްޔިތުންގެ ލޯބި އިހުނަށްވުރެވެސް ޕީޕީއެމްއަށް އިތުކުރައްވަން. https://t.co/zAsudbaPkj
— Ahmed Shiyam (@Shiyamaldives) March 12, 2024
ރައީސް ޔާމީން އިސްވެ ހުންނަވައި އުފައްދަވަން މަސައްކަތް ކުރާ ޕާޓީ، ޕީއެންއެފްގެ ޖަގަޖަ ޖަލްސާއެއްގައި ރައީސް ޔާމީން ވިދާޅުވީ، ޕީޕީއެމްއަކީ ހަރުދަނާ އުސޫލުތަކެއް މައްޗަށް ބިނާވެފައި އޮތް ޕާޓިއެއް ކަމަށާ އެ ޕާޓީއާ ކުޅުމަކީ ފަސޭހަކަމަށް ނުވާނެ ކަމަށެވެ.
އެގޮތުން ޕާޓީގެ އަސާސީ ގަވާއިދަކީ ޚުދު އެމަނިކުފާނު ފަރުމާ ކުރެއްވި އެއްޗެއްކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، މިއަދު އޮތީ ޕީއެންސީގެ ސަރުކާރެއް ކަމަށެވެ.
