ރާއްޖޭގައި މި މަހު ފެށި އެއާ އެމްބިއުލާންސް ހިދުމަތުގައި ބޭނުން ކުރާނެ ސީޕްލޭން ދައްކާލައިފިއެވެ.

ސީޕްލޭން ރައްޔިތުންނަށް ދައްކަވާލެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު އެ ފޮޓޯގެ ކެޕްޝަންގައި އެއްޗެއް ލިޔުއްވާފައެއް ނުވެއެވެ.

ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވާ ގޮތުގައި، އެއާ އެމްބިއުލާންސްގެ ގޮތުގައި ސީޕްލޭން ދުއްވާނީ ދުވާލު ގަޑީގައެވެ.

ސީޕްލޭންގެ ހިދުމަތް ފެށުމުން ކޮންމެ ރަށެއް ކައިރިއަށް ވެސް ކުއްލި ހާލަތުގައި ކައިރިކުރުމުގެ ފަސޭހަކަން ލިބިގެން ދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެއާ އެމްބިއުލާންސްގެ ހިދުމަތް ފެއްޓެވުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ފުއްދަވައިދެއްވީ، މާޗު މަހުގެ އެއްވަނަ ދުވަހުއެވެ. 24 ގަޑިއިރު ލިބޭނެ މި ހިދުމަތް ފުރަތަމަ ފެށީ ޑޭޝް8 މަރުކާގެ މަތިންދާ ބޯޓެއްގައެވެ.

މި ތާރީހީ ހިދުމަތާ ގުޅޭގޮތުން، ރައީސް ކުރިން ވިދާޅުވީ ހިދުމަތް ފުޅާކުރުމުން ފުލް ޓައިމު ގައި އޮޕަރޭޓް ކުރާނެ ދެ ބޯޓެއް އޮންނާނެ ކަމަށާއި، މޯލްޑިވިއަން އިން ދޭ އެ ހިދުމަތާ އެކު ރާއްޖޭގެ ކޮންމެ އެއާޕޯޓަކުން ވެސް ބަލި މީހުން ފަސޭހައިން ވަގުތުން އުފުލޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ

އެއާ އެމްބިއުލާާންސް ހިދުމަތް ދިނުމަށް ބޭނުންކުރާ ޑޭޝް8 މަރުކާގެ ބޯޓު

އައިލެންޑް އޭވިއޭޝަން ސަރވިސެސް އިން ބުނީ އެއާ އެންބިއުލާންސުގެ ހިދުމަތުގައި ބޭނުންކުރާ ޑޭޝް 8 މަރުކާގެ ބޯޓު ކުއްލި ފަރުވާއަށް ބަލި މީހުން އުފުލާނެ ބޯޓަކަށް ބަދަލުކުރުމުގެ ކުރިން އެ ބޯޓަކީ އެ ކުންފުނީގެ ޝެޑިއުލް ފްލައިޓްތައް އޮޕަރޭޓްކުރުމަށް ބޭނުންކުރި ބޯޓެއް ކަމަށެވެ.

އެއާއެކު، އެއާ އެންބިއުލާންސްގެ ހިދުމަތަށް ބޯޓު ތައްޔާރުކުރީ އިމަޖެންސީ ފަރުވާ ދެވޭ ގޮތަށް ކަމަށާއި މެޑިކަލް އިކުއިޕްމަންޓުތައް ހަރުކޮށްގެން ކަމަށް އެ ކުންފުނިން ބުނެއެވެ.