ރެހެންދި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ހުޅުވާލައިފިއެވެ.

ރެހެންދި އެވޯޑަކީ ގައުމީ ތަރައްގީގައި ފާހަގަކޮށްލެވޭ ހިއްސާއެއް އޮވެ، ގައުމަށް ބޮޑެތި ލާބަޔާއި މަންފާ ލިބޭ ހިދުމަތް ކޮށްދީފައިވާ އަންހެނުން އަދި އަންހެނުން ކުރިއަރުވަން މަސައްކަތްކުރާ ފިރިހެނުންގެ އަދި ޖަމިއްޔާތަކާއި ޖަމާއަތްތަކުގެ އަގުވަޒަންކުރުމުގެ މަގުސަދުގައި 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ދޭ އެވޯޑެކެވެ.

މި އެވޯޑު ދޭ ދާއިރާތަކުގެ ތެރޭގައި ލީޑަރޝިޕް އެންޑް ގަވަނަންސް، އިގުތިސާދީ ގޮތުން ބާރުވެރިކުރުވުން، އިޖުތިމާއީ ގޮތުން ބާރުވެރިކުރުވުން، އަންހެނުން އާންމުކޮށް ކޮށް ނޫޅޭ މަސައްކަތެއް ނުވަތަ ނަންޓްރެޑިޝަނަލަލް ރޯލްސް، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ހިމެނެއެވެ.

މި އެވޯޑުތަކަށް ހުށަހަޅާއިރުގައި، ވަކި ފަރުދެއްނަމަ ދިވެހި ރައްޔިތެއްކަމުގައިވުމާއި، ފާއިތުވި ފަސް އަހަރުތެރޭ ޝަރީއަތަށް ސާބިތުވާ ކަހަލަ ކުށެއް ކޮށްފައިވާ މީހެއް ނުވަތަ ޖަމިއްޔާ ޖަމާއަތެއް ކަމުގައި ނުވުމާއި، މިވަގުތު އެއްވެސް ކަހަލަ ދައުވާއެއްކޮށް ކޯޓު މަރުހަލާގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ކުރިކަން ނުވަތަ ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ނުވަތަ ޖަމިއްޔާ/ ޖަމާއަތެއް ކަމުގައި ނުވުމާއި، ޖިންސީގޯނާ ކުރުމާއި ޖިންސީ ފުރައްސާރަ ކުރުމުގެ ކުށް ސާބިތުވެފައި ނުވާ ފަރާތެއް ކަމުގައިވުމާއި، މަގުބޫލު އުޒުރަކައި ނުލާ ފާއިތުވި ފަސް އަހަރުތެރޭ ހިދުމަތް ކޮށްފައިވާ ފަރާތެއް ނުވަތަ ޖަމިއްޔާ ޖަމާއަތެއް ކަމުގައިވުން ނުވަތަ ކޮށްފައިވާ މީހަކަށް ވުމާއި، މީގެ ކުރިން ރެހެންދި އެވޯޑް ލިބިފައިވާ ފަރާތެއް ނުވަތަ ޖަމިއްޔާ ޖަމާއަތަކަށް ނުވުން ހިމެނެއެވެ.

ރެހެންދި އެވޯޑު ދޭން ފެށީ ކުރީގެ ރައީީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ.