ކީރިތި ޤުރުއާން ކިޔަވައި، ހިތުދަސްކުރުމާއި، މާތްﷲ އެ ޤުރުއާން ރައްކާތެރިކުރެއްވުމާއި ގުޅުމަކީ އެކަލާނގެ ދެއްވާ މަތިވެރި ތައުފީގެއް ކަމަށާއި، ޤުރުއާން ބާއްވާލެއްވީ ދުނިޔެ ވަރަށް ބޮޑަށް އިސްލާހަށް ބޭނުންވެފައި ވަނިކޮށް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ިމިނިސްޓަރު ޝަހީމް މިގޮތަށް ވިދާޅުވީ ރަމަޟާންމަހުގެ ރޭތައް އިހްޔާ ކުރުމަށް ބޭއްވި އިހްޔާ ފޯރަމްގައެވެ.

އިހްޔާ ފޯރަމްގެ ރޭގެ މައުޟޫއަކީ ”ކީރިތި ޤުރުއާނާއި ހަޔާތާއި ހުރި ގުޅުން.“ މިމައުޟޫއެވެ.

މިނިސްޓަރު ވިދާޅުވީ ކީރިތި ޤުރުއާނަކީ މަތިވެރި މުއުޖިޒާތެއް ކަމަށާއި، އެ ޤުރުއާން ރައްކާތެރި ކުރެއްވުމަށް މާތްﷲ ވައުދުވެވަޑައިގެންފައިވާ ކަމަށެވެ.

”އެހެންވީމަ، ޤުރުއާން ކިޔަވާ ކުދިން، ޤުރުއާން ހިތުދަސް ކުރާ ދަރިވަރުން، ތިޔަ އެންމެހާ ލޮބުވެތި ދަރިވަރުންނަކީ މި ވައުދުގެ ތެރެއިން ހިމެނޭ، ﷲ ދެއްވި މަތިވެރި ތައުފީގެއް، ގުރުއާން ކިޔެވުމާއި، ގުރުއާން ހިތުދަސް ކުރުމާއި، މިކަމާ ގުޅުމަކީ ﷲ އެބަޔަކަށް ދެއްވާ މަތިވެރި ތައުފީގެއް. މި ގުރުއާން ރައްކާތެރިކޮށް ދެމެހެއްޓުމުގެ ވައުދުގެ ތެރޭގައި މި މީހުން ހިމެނިގެން އެ ދަނީ.“ މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވި ކީރިތި ޤުރުއާނުގައި ހިމެނޭ ވާހަކަތަކަކީ އައު ވާހަކަތަކެއް ނޫންކަމަށެވެ.

އެހެންނަމަވެސް ސްކޫލް ކުދިންނާއި އަދި އަރަމުން އަންނަ ޒުވާން ޖީލަށް ތަކުރާރުކޮށްދެވޭ ހަނދުމަކޮށްދެއްވުމެއްކަމަށެވެ.

ފޯރަމްގައި ކީރިތި ޤުރުއާނުގެ ވާހަކަތައް ތަފްޞީލުކޮށްދެއްވަމުން މިނިސްޓަރު ވިދާޅުވީ، މާތްﷲ ކީރިތި ޤުރުއާން ބާވާލެއްވީ ދުނިޔެ އިސްލާހީ ބަދަލަކަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ދުވަސްވަރެއްގައިކަމަށެވެ.