ދައުލަތުގެ މީޑިއާ ޕީއެސްއެމް އިން ގެނެސްދޭ ”އިހުސާސް“ ޝޯގެ އެންމެ ފަހުގެ އެޕިސޯޑުގައި ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކާ ގުޅުވައި ކުރި ސުވާޅުތަކެއްގެ މައްސަލަ ހޫނުވެފައިވާއިރު، އެ ޕްރޮގްރާމްގައި ހިމެނޭ ކަންކަން ރަނގަޅުކޮށްލަން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު އިރުޝާދު ދެއްވިކަން އެނގިއްޖެއެވެ.

ބުދަ ދުވަހުގެ ރޭ އޮން އެއާ ކުރި އިހުސާސްގެ ހަތަރު ވަނަ ސީޒަންގެ ފުރަތަމަ އެޕިސޯޑުގައި، ހޮސްޓު އައިމިނަތު ނަމްޒާ ވަނީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއްގެ މަންމައާ، ވަރަށް ސެންސިޓިވް ސުވާލުތަކެއް ކޮށްފައެވެ.

މީސްމީޑިއާގައި މިކަމަށް ފާޑުކިޔުން އަމާޒުވެ، ޕީއެސްއެމް އާއި ނަމްޒާއާ ދެކޮޅަށް ކޮށްފައިވާ ޕޯސްޓުތައް ވައިރަލްވިއެވެ.

ޕީއެސްއެމްގެ އެމްޑީ ޒީނާ ”އަސުރަށް“ ވިދާޅުވީ، ބުދަދުވަހުގެ ރޭ ދެއްކި ޕްރޮގްރާމްގެ ފުރަތަމަ އެޕިސޯޑު ބެއްލެވުމުން ފާހަގަވި ކަންކަން ރަނގަޅު ކުރުމަށް ބުރާސްފަތި ދުވަހު ހެނދުނު ބޭއްވި އެޗްއޯޑީ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަމަށެވެ.

ޒީނާ ވިދާޅުވީ، ކުރިއަށް އޮތް ޕްރޮގްރާމްތަކުގައި މިފަދަ މައްސަލައެއް ފެންމަތި ނުވާނެފަދަ ގޮތަކަށް ކޮންމެ އެޕިސޯޑެއް ވެސް އޮން އެއާ ކުރުމުގެ ކުރިން، ކޮންޓެންޓް ކޮމިޓީން ބަލަން އިރުޝާދު ދެއްވާފައިވާނެ ކަމަށެވެ.

ރަމަޟާންމަހުގައި ދެއްކުމަށް މިހާތަނަށް އިހުސާސް ޝޯގެ ތިން އެޕިސޯޑު ރެޑުކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ި