ކ.ކާށިދޫ ގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ބޮޑު ދޯންޏަކާއި ކުޑަ ދެ ދޯނި އެއްކޮށް އަނދާ ހުލިވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ،  ހާދިސާ އާއި ގުޅޭގޮތުން އެންމެ ފުރަތަމަ މައުލޫމާތު ލިބިފައިވަނީ އެ ރަށުގައި ވަކިންހުރި އޮޑިހަރުގެއެއްގައި އެހެލާފައިހުރި ދޯނިތަކެއްގައި އަލިފާން ރޯވެ އަނދަމުންދާކަމަށެވެ.

ނަމަވެސް އިތުރު ސަރަހައްދަކަށް ފެތުރުމުގެ ފުރުސަތު ކުޑަކަމަށް އޭރު ވަނީ ބެލެވިފައެވެ.

”ނަމަވެސް އެސަރަހައްދާއި މާދުރުނޫން ހިސާބެއްގައި ހުރި ރުއްތަކަށް އަލިފާނުގެ އަސަރު ކޮށް އިތުރު ސަރަހައްދުތަކަށް ފެތުރުުގެ ކުޑަ ފުރުސަތެއް އޮތްކަމުގެ މަޢުލޫމާތު ރޭ މެންދަމު 01:24 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާއެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން އެ ރަށަށް ދިއުމަށް އެކޯ 949 (އަލިފާން ނިއްވާ ލޯންޗުގައި) ގައި 01:48 ހާއިރު ދަތުރު ފެށި. ފަތިހު 04:40 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން އެ ސަރަހައްދަށް ދިޔައިރު އަލިފާން ރޯވި ދޯނިތައް ވަނީ އެއްކޮށް އަނދާ ހުލިވެފަ. އޭރުވެސް އަލިފާނުގެ އަސަރު ހުރުމުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުންގެ ވަނީ މިއަދު ހެނދުނު 06:24 ހާއިރު އަލިފާންގަނޑު އެއްކޮށް ނިއްވާލާފަ.“ އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

ރޭ ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން. ފޮޓޯ/ އެމްއެންޑީއެފް

 

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ނަމަވެސް އެ ރަށު އެއްގަމަށް އެހެލާފައި އޮތް ބޮޑު ދެ ދޯންޏާއި ކުޑަ ދެ ދޯނި ވަނީ މި ހާދިސާގައި އެއްކޮށް އަނދާ ހުލިވެފައެވެ.

މި ހާދިސާގައި އެންމެ ފުރަތަމަ ރޯވި ދޯނީގައި، އަލިފާން ހިފާފާނެ އެއްވެސް އެއްޗެއް ނެތުމުން، މިއީ ބަޔަކު ގަސްދުގައި ކުރި ކަމެއް ކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ.