ރާއްޖޭގައި ފިތުރު އީދު ނަމާދާއި އަޟްހާ އީދު ނަމާދުގެ ޖަމާއަތް ފަށާ ވަގުތަކީ ހެނދުނު 07:00 ކަމަށް އިސްލާމިކް މިނިސްޓްރީއިން ކަނޑައަޅައިފިއެވެ.
ޒަމާނުއްސުރެ ރާއްޖޭގައި ފިތުރު ޢީދާ އަޟްހާ އީދުގެ ޖަމާއަތް ފަށާ ގަޑިއަކަށް ހަމަޖައްސާފައިވަނީ ހެނދުނު 07:30 ގައެެވެ.
އެކަން ބަދަލު ކުރެއްވިކަން ހާމަކުރައްވައި، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ރާއްޖޭގައި ޒަމާނުއްސުރެ އީދު ނަމާދު ކުރަމުން އައިސްފައިވަނީ ހެނދުނު 07:30 ގައި މިސްކިތްތަކުގައި ކަމުގައިވިޔަސް، އެވަގުތަކީ އިރުއަރައި އިރުގެ ހޫނުކަން ގަދަވަމުން އަންނަ ވަގުތަށް ވެފައި، މިހާރަކަށް އައިސް ރާއްޖޭގައި މައިދާންތަކާއި ހުސްބިންތަކުގައި އީދު ނަމާދު ކުރަމުން ގެންދާތީއާއި، އީދު ނަމާދުގެ ޖަމާއަތަށް ހާޒިރުވާ ފަރާތްތަކުގެ ތެރޭގައި ތުއްތު ކުދީންނާއި، އަންހެނުންނާއި، މުސްކުޅިންނާއި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ވެސް ހިމެނޭތީއާއި، ހޫނު ގަދަވުމުގެ ސަބަބުން ތަކުލީފުތަކެއް އުފުލަންޖެހޭތީއާއި، ކީރިތި ރަސޫލާ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމަގެ ސުންނަތުން ސާބިތުވާގޮތުން ވެސް އެކަލޭގެފާނު އީދު ނަމާދު ކުރައްވާފައިވަނީ އިރުގެ ހޫނުކަން ގަދަވުމުގެ ކުރިން ޟުޙާ ވަގުތުގައިކަން ފެންނަން އޮންނަ ކަމަށެވެ.
އެހެންކަމުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާއި އެކަލޭގެފާނުގެ އަސްހާބު ބޭކަލުންގެ ޢަމަލުފުޅުގައިވާ ގޮތަށް ތަބައަވުމަކީ މޮޅު އިތުރުގޮތް ކަމަށްވާތީއާއި، އާންމު މަސްލަހަތަށް ރިއާޔަތްކުރުމަށް ޝަރުއުގައި ކަނޑައަޅުއްވާފައިވާ ގަވާއިދުތަކަށް ރިއާޔަތްކޮށް، މި އަހަރުން ފެށިގެން ރާއްޖޭގައި ފިތުރު އީދު ނަމާދާއި އަޟްހާ ޢީދު ނަމާދުގެ ޖަމާޢަތް ފަށާ ވަގުތަކީ ހެނދުނު 07:00 ކަމަށް ކަނޑައަޅާފައިވާ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
އެގޮތުން އީދު ނަމާދުގެ ޖަމާޢަތް ފަށާ ވަގުތު އަވަސްކުރުމަށް ނިންމާފައިވަނީ ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި، ދީނީ ޢިލްމުވެރިންނާއި، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި ގާއިމުކުރެވިފައިވާ ފަލަކީ ހިސާބުތަކާބެހޭ ކޮމެޓީއާއި މަޝްވަރާކުރުމަށް ފަހު ކަމަށް ޝަހީމް ވިދާޅުވިއެވެ.
