މާލެއިން އިއްޔެ އެކަނި ވެސް 42 ޓަނުގެ ކުނި ނަގައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ އިއްޔެވެސް 1.5 ޓަނުގެ ހަ ޕިކަޕާއި، 350 ކިލޯގެ 19 ޕިކަޕުގެ އިތުުރުން ދެ ޓަނުގެ ތިން ޕިކަޕު އަދި ތިން ޓަނުގެ ހަތް ޕިކަޕުގެ ކުނި މާލޭގެ އެކި ސަރަހައްދުތަކުން ނެގި ކަމަށެވެ. އެއީ ޖުމްލަ 42.6 ޓަނުގެ ކުންޏެވެ.
މާލޭ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލު ވިދާޅުވީ ކުނި އެޅުން ހުއްޓުވަން ސިޓީ ކައުންސިލްގެ ވެށިފާރަވެރިން ވެސް މަގުތަކަަށް ނެރެމުންދާ ކަމަށެވެ.
އަދި ކުނި އަޅާ މީހުން ހޯދަން ސީސީޓީވީ ފޫޓޭޖްތައް ބަލައި ފުލުހުން މެދުވެރިކޮށް އެ މީހުން ހޯދަމުން ދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީޑިއާ އޮފިޝަލް ވިދާޅުވީ ގޭތެރޭގައި ގެންގުޅޭ ސޯފާއާއި، ފާހަނާތައްޓާއި ބޮޑެތި ހިފާ ގެންގުޅޭ ތަކެތީގެ އިތުރުން ކޮންސްޓްރަކްޝަން ކުނިތައްވެސް ވަރަށް ގިނައިން މަގުމަތިން ނަގަމުންދާ ކަމަށެވެ.
ސިޓީ ކައުންސިލުން މިހާރުވަނީ ކުނި އުކާ މީހުން ހޯދުމަށް ފަހު އެމީހުން ލައްވާ ކުނިތައް އުކާލުމުގެ މަސައްކަތް ފަށައިފައެވެ.
މާލޭގެ މަގުތަކުން މި ފަހުން ނެގި ކުނީގެ އަދަދު މިހާރު ވަނީ 400 ޓަނަށް ވުރެ މައްޗަށް އަރައިފައެވެ.
