ކުޑަ ރަށެއް ބޮޑު ރަށެއް ނެތި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ރައްޔިތުންގެ ލޮލުގައި އެޅުވީ އަނދުން ކަމަށާއި، ކުރިއަށް އޮތ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، އެންމެ ހަތަރު މަސް ދުވަހުގެ ތެރޭގައި މަސްކަނޑު ބަލަހައްޓަން ފެށި ތާއީދު ކުރުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ ގޮވާލައްވައިފިއެވެ.

މިނިސްޓަރު މާރިޔާ މިހެން ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ސަރުކާރުގައި ކުޑަ ރަށެއް، ބޮޑު ރަށެއް ތަފާތު ކުރެއްވުމެއް ނެތި ފެއްޓެވި މަޝްރޫއުތައް މިހާރުގެ ސަރުކާރުން ހުއްޓާލާފައިވާ ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް ޝާހިދު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެކަމާ ގުޅިގެން ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވީ ކުޑަ ރަށެއް ބޮޑު ރަށެއް ނެތި ކުރީގެ ސަރުކާރުން ގެންދިޔައީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަމުން ކަމަށެވެ.

އެގޮތުން ދައުލަތުގެ ކުންފުނިތައް ބަނގުރޫޓް ކޮށްގެން ތަރައްޤީގެ މަޝްރޫޢުތައް ހިންގާކަމަށް އޭރުގެ ސަރުކާރުން ރައްޔިތުންނަށް ދައްކަމުން ގެންދިޔަ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކުރީގެ ސަރުކާރުން ހިންގި އެއްވެސް ޕްރޮޖެކްޓަކަށް ފައިސާ ނުދައްކައި ދައުލަތުގެ ކުންފުނިތަކުން ސަބްކޮންޓްރެކްޓްކުރި ކުދި ކުންފުނިތަކަށްވެސް ފައިސާ ނުދީ އިނދަ ޖައްސާލާފައިވާ ކަމަށާއި މ.ރަތްމަންދޫއަކީ އެކަމުގެ ލާމަސީލު މިސާލެއްކަމަށެވެ.

މާރިޔާ އިތުރަށް ވިދާޅުވީ ރައްޔިތުން ގައުމުގެ މިސްރާބު ބަދަލުކުރީ ކުންފުނިތައް ބަނގުރޫޓް ނުކޮށް، މަސްވެރިންނާއި ކޮންޓްރެކްޓަރުންނަށް އަގުދީގެން މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށްޓަކައި ކަމަށެވެ.

އެގޮތުން ބަދަލުކުރި މިސްރާބުގައި އަމާޒު ހިފީ ‘ނާށިގަނޑު’ ދޫކޮށްލާފައި ‘ދިވެހިން ދިވެހިންގެ ރާއްޖެ’ އަށް ދާން ކަމަށް މާރިޔާ ވިދާޅުވިއެވެ. އެކަމަނާ ވަނީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަކުރާ ސަރުކާރު ކެންޑިޑޭޓުންނަށް ވޯޓް ދެއްވުމަށް ރައްޔިތުންނަށް ގޮވާލައްވާފައެވެ.

”ދިވެހީން ދިވެހީންގެ ކެންޑިޑޭޓުންނަށް، ޕީޕީއެމް/ ޕީއެންސީ ކެންޑިޑޭޓުންނަށް ވޯޓު ދެއްވަންވީ! އެންމެ 4 މަސްދުވަހުގެ ތެރޭގައި މަސްކަނޑުތައް ބަލަހައްޓަން ފެށި ސަރުކާރަށް ސަޕޯޓް ދެއްވާ!،“ މާރިޔާ ވިދާޅުވިއެވެ.

އެމްޑީޕީގެ ރައީީސް ޝާހިދު އެކްސްގައި ވިދާޅުވީ މި ސަރުކާރުން މަޝްރޫއުތަކަށް ހޭދަ ނުކުރާ ކަމަށާއި، ރަތްމަންދޫގައި ފެށި މަޝްރޫއުތައް ވެސް ހުއްޓާލާފައިވާ ކަމަށެވެ.