ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ބަހައްޓާފައި ހުންނަ ސްޓެލްކޯގެ ޓްރާންސްފޯމަރެއް ވަގަށް ނަގަން އުޅެނިކޮށް ކަރަންޓުގައި ޖެހުނު މީހަކު މަރުވެއްޖެއެވެ.
މި ހާދިސާ ހިނގީ ރޭ ފަތިހު 4:50 ހާއިރުއެވެ.
އެ ހާދިސާގައި މަރުވީ ހއ. ހޯރަފުށީ، ފްރެންޒީ، ހުސައިން ޝިފާއުއެވެ. އުމުރުން 27 އަހަރުގެ ޝިފާއު ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލާ ހަވާލާދީ ސްޓެލްކޯ އިން ބުނެއެވެ.
މި ހާދިސާ ހިނގިއިރު، ސްޓެލްކޯގެ ސަބްސްޓޭޝަންތަކުގެ ތަޅު ހަލާކުކޮށް، އެ ތަންތަނަށް ވަދެ ޓްރާންސްފޯމަރުތައް ނިއްވާލައި ޓްރާންސްފޯމަރުގެ އެކި ބައިތައް ވަގަށް ނަގަމުންދާތީ އެ މައްސަލަ ސްޓެލްކޯ އިން ފުލުހުންނަށް ވެސް ހުށަހެޅިއެވެ.
