ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އިހުސާސް ކުރެވުނު ހޫނުމިން 44 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް އަރާފައިވާކަން ހާމަވެއްޖެއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން އާންމުކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި އިއްޔެ 11:00 ގައި ހުޅުލެއަށް އިހުސާސް ކުރެވުނު ހޫނުމިން ހުރީ 44.4 ޑިގްރީ ސެލްސިއަސްގައެވެ.

ހދ. ހަނިމާދޫގައި 41 ޑިގްރީ ސެލްސިއަސްގައި ހުރި އިރު، ސ. ގަމަށް އިހުސާސް ކުރެވުނު ހޫނުމިން ހުރީ 40.1 ޑިގްރީ ސެލްސިއަސްގައެވެ.

މި ދުވަސްވަރު ރާއްޖޭގެ އަސްލު ހޫނުމިން ހުރީ 31 ޑިގްރީ ސެލްސިއަސް އާއި 38 ޑިގްރީ ސެލްސިއަސްއާ ދެމެދުގައެވެ.

މެޓް އޮފީހުގެ ފަރާތުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ އަހަރު އެންމެ ހޫނުގަދަވި ކަމަށް ރިކޯޑް ކުރެވިފައި ވަނީ ހދ. ހަނިމާދޫއަށެވެ.

އެއީ މިދިޔަ އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހު 34.6 ޑިގްރީ ސެލްސިއަސް އަށެވެ.

މިއީ ރާއްޖެއަށް ވަރަށް ހޫނު ގަދަ ދުވަސްވަރަކަށް ވާތީ ރައްކާތެރިވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ. މި ދުވަސްވަރު ބޭރަށް ނުކުންނައިރު ގަޔަށް ދޫ ހެދުން ލުމަށާއި، ސަން ސްކްރީން ލޯޝަން ބޭނުން ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ވަނީ އިލްތިމާސްކޮށްފައެވެ.