ރަޝިޔާގެ މޮސްކޯގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރަޝިޔާގެ ރައީސް ލަޑިމިއަރ ޕޫޓިންއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސްގެ މެސެޖުގައި ސަތޭކައަށްވުރެ ގިނަ މީހުން މަރުވެ އެތައް ބަޔަކު ޒަޚަމުވި މި ނުރައްކާތެރި ހާދިސާއާ ގުޅިގެން ކުއްލި ހައިރާންކަމެއް ލިބިވަޑައިގެންނެވިކަން ބަޔާންކުރައްވާފައިވެއެވެ.

ރައީސް ފޮނުއްވި މެސެޖްގައި، ޓެރަރިޒަމްގެ މިފަދަ ފިނޑި ޢަމަލުތައް، އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވާ ކަމުގައި ވިދާޅުވެ، ހުރިހާ ބާވަތެއްގެ ޓެރަރިޒަމްގެ އަމަލުތައް ކުށްވެރިކުރުމުގައި ދިވެހިރާއްޖެއިން ދެމިއޮންނާނެކަން ފާހަގަކުރައްވާފައިވެއެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން، ރަޝިޔާގެ ސަރުކާރަށާއި ރައްޔިތުންނަށް، އަދި މި ހާދިސާގެ އަސަރުކުރި ހުރިހާ އާއިލާތަކަށް އިހްލާސްތެރި ތަޢުޒިޔާ ފޮނުއްވަމުންނެވެ.