ވެރިރަށް މާލޭގެ މަގުތަކުން އިއްޔެ އެކަނި ވެސް 31 ޓަނުގެ ކުނި ނަގައިފިއެވެ.
މިކަން ހާމަކޮށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ އިއްޔެ 350 ކިލޯގެ 20 ޕިކަޕު، 1.5 ޓަނުގެ 6 ޕިކަޕު، 2 ޓަނުގެ 3 ޕިކަޕު އަދި 3 ޓަނުގެ 3 ޕިކަޕުގެ ކުނި ނަގާފައިވާ ކަމަށެވެ.
އަދި މާލޭ މަގުމަތީ ކުނި ބަހައްޓައިގެން 18 މީހަކު އިއްޔެ ޖޫރިމަނާ ކޮށްފައިވާ ކަމަށް ވެސް ކައުންސިލުން ހާމަކުރެއެވެ.
މާލެ ސާފުކޮށް ބޭއްވުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ވެސް ކައުންސިލުން ވަނީ ބުނެފައެވެ.
މާލޭގައި މީހުން އާންމުކޮށް ކުނި އަޅާ 10 ތަނެއް މާލެ ސީޓީ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
އެގޮތުން އަލަމާ ގޯޅި، ކެނެރީ ގޯޅި، ހަދީބީ މަގު، އޯޑިއޯން ގޯޅި، މާވެޔޮމަގު ފަތަހަ ކަންމަތި، ހެންވޭރު ސަހާރާ ކަންމަތި، ކާސިންޖީ މަގު، ބަރުޖޯރާ ގޯޅި ކަންމަތި، މ.ޕިއްޒާ ބޯނާ ކަންމަތި، ދިލްބަހާރު މަގު، ދަގަނޑުކެނޑިގޭ ގޯޅި ކަންމަތި، ޖަމާލުއްދީން ސްކޫލް ކުރިމަތީ ހަނި ގޯޅިއަށް ކުނި އަޅަމުންދާކަން ސިޓީ ކައުންސިލުން ފާހަގަކުރެއެވެ.
ކުނި އެޅުން ހުއްޓުވުމަށް، ކުނި އަޅާ މީހުންގެ ފޮޓޯއާއި ވީޑިއޯ ފޮނުވުމަށް ކައުންސިލުން އެދެއެވެ.
