ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގެ 17 ރަށަކަށް ލެބޯރެޓަރީ އިކުއިޕްމަންޓު ހޯދުމާ ގުޅޭ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ޗައިނާ ސަރުކާރުގެ ފަރާތުން ލެޓަރ އޮފް އެކްސްޗޭންޖުގައި ސޮއިކުރެއްވީ ދިވެހިރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަންގ ލިޒިންއެވެ.
ހެލްތު މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ހެލްތު މިނިސްޓަރު ޑރ.އަބްދުﷲ ހަލީލެވެ.
މިއަދު ސޮއިކުރެވުނު ލެޓަރ އޮފް އެކްސްޗޭންޖުގެ ދަށުން ރާއްޖޭގެ 17 ސިއްހީ މަރުކަޒަކަށް ބޭނުންވާ ލެބޯރެޓަރީ އިކުއިޕްމަންޓު ލިބޭނެކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.
އަދި 05 އަހަރުގެ މުއްދަތަށް ބަހާލައިގެން ޖުމުލަ 72 ރަށަކަށް ޗައިނާ ސަރުކާރުގެ އެހީގައި ލެބޯރެޓަރީ އިކުއިޕްމަންޓު ހޯދުމަށްވެސް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މި ލެޓަރ އޮފް އެކްސްޗޭންޖުގެ ދަށުން ގެނައުމަށް ހަމަޖެހިފައިވާ ލެބޯރެޓަރީ އިކުއިޕްމަންޓްތަކާއެކު ރަށްރަށުގައި ލެބޯރެޓަރީ ހިދުމަތް ނެތުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލެއް ލިބި، ސިއްހީ މަރުކަޒުތަކުން ދެމުން ގެންދާ ސިއްހީ ހިދުމަތް ހަރުދަނާވެ، ފަސޭހަކަމާއެކު ލެބޯރެޓަރީ ޓެސްޓުތައް ހެދި ފަރުވާ އަވަސްވެގެންދާނެއެވެ.
