ކުރީ ސަރުކާރުގައި އެހެން ގައުމެއްގެ އެމްބަސީގައި ހުންނަވާ ސަފީރެއްގެ ހުއްދަ ހޯދަން ޖެހޭ ކަމަށާއި، އޭރު މިނިވަންކަން ގެއްލިފައި އޮތް މިންވަރު ރައީސް ޑރ.މުހައްމަދު މުއިއްޒު ފާހަގަކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހުޅުދޫ ދާއިރާއަށް ވާދަކުރައްވާ މުހައްމަދު ޝާހިދު (ޝާޑު)ގެ ކެމްޕޭން ޖަލްސާގައި ރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެއަކީ ފަހުރުވެރި މިނިވަން ގައުމެއް ކަމަށާއި ރާއްޖޭގެ ވެރިކަމާއި މިނިވަންކަމާ ތޮޅުނު ދުވަސްތަކެއް އައިސް މެދުކެނޑުންތަކެއް ދިޔަ ނަމަވެސް، ރާއްޖެއަކީ ފަހުރުވެރިކަމާއެކީގައި މިނިވަންކަންމަތީ އޮތް ގައުމެއް ކަމަށެވެ.
”އެހެންނަމަވެސް މި ވޭތުވެދިޔަ ފަސް އަހަރު ފެނިގެންދިޔައީ ރަސްމީކޮށް ލިޔެކިޔުމުގައި ސިޔާސީ މިނިވަންކަން އޮތް ގައުމެއްގެ ގޮތުގައި އޮތް ނަމަވެސް، އަމަލީގޮތުން މިނިވަންކަން ގެއްލިފައި އޮތް ގައުމެއްގެ ގޮތުގައި.“
”ވަކި ހައި ކޮމިޝަނަރަކު ވިދާޅުވާ ގޮތަށް ނޫން ގޮތަކަށް ނޫނިއްޔާ ބޭރު ގައުމަކަށް ޓްރޭނިންއަކަށް ވެސް މީހަކު ނުފޮނުވޭ ހިސާބުގައި ގައުމުގެ ކަންކަން އޭރު އޮތީ. ހަނދާން ނެތޭހާ ދުވަހެއް ނުވޭ ނޫންތޯ،“ އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދިވެހީންގެ ރާއްޖެއަށް ދާން ރައްޔިތުން ނިންމީ ގައުމު އޭރު އޮތް ހިސާބު ކަމުނުގޮސްގެން ކަމަށެވެ.
އަދި އޭރު ހުރިހާ މަގަކުން ވެސް ރާއްޖެ އޮތީ އަޅުވެތިވެފައި ކަމަށާއި، ގައުމެއްގެ ސިފައިން މި ތަނުގައި ތިބުމުގެ ފުރުސަތުދީ، އޭރު އިގުތިސާދު އޮތީ އަތުނުޖެހޭ ހިސާބަށް ދަރަނިވެރިކަމުގެ ތެރެއަށް ގޮސް ހުސްވެފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
