ކުރީ ސަރުކާރުން ކުންފުނިތައް ސިޔާސީ ކަންކަމުގެ ތެރެއަށް ވައްދައި ހަލާކު ކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުގައި ވަރަށް ގިނަ ދަރަނި ހުރިކަން ފާހަގަކޮށް، ދަރަނިތައް ރީސްޓްރަކްޓަރ ކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކާ ގުޅޭގޮތުން ”ރައީސްގެ ޖަވާބު“ ސިލްސިލާގައި، މިއަދު އާއްމު ކުރި ވީޑިއޯގައި މީހަކު ސުވާލު ކުރުމުންނެވެ.

ރައީސް ތަކުރާރު ކުރެއްވެވީ، އެމަނިކުފާނު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، އިގްތިސާދު އޮތް ނާޒުކު ހާލަތެވެ. އަދި ބޮޑު ދެ ތިން ކުންފުންޏެއް ފިޔަވައި، އެއްވެސް ކުންފުންޏަކަށް ފައިދާ ވެސް ނުވާ ކަމަށާއި، އޭރުގެ  ވެރިކަން ނިމުނުއިރު، ކުންފުނިތައް ގާތްގަނޑަކަށް ބަނގުރޫޓުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

”ސަރުކާރު ކުންފުނިތައް ހުރީ ވަރަށް ބޮޑަށް މިސްޔޫސްކޮށްފަ، މިދިޔަ ސަރުކާރު ނިމުނުއިރުގަ، ކުންފުނިތަކުގަ އޮންނަ އުސޫލުތަކާ ހިލާފަށް ކުންފުނިތަކުގެ ބޭނުން ސިޔާސީ ގޮތުގައި ހިފުމުން، ކުންފުނިތައް އޮތީ ހަލާކުވުމުގެ ތެރޭގައި. ވަރަށް ގިނަ ކުންފުނިތައް ބަނގުރޫޓުވުމާ ހަމައަށް ގޮސްފަ އޮތީ.“ ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ދަރަނިތަކަށް ރަނގަޅު ބަދަލެއް ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށާއި، ކަމާބެހޭ ފަރާތްތަކާއެކު މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. އަދި ކުންފުނިތަކުން އާއްމުންނަށް ދައްކަން ޖެހޭ ފައިސާ ވެސް ރޭވުންތެރިކަމާއިއެކުގައި ދެއްކުމުގެ މަސައްކަތް ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކުންފުނިތައް ހަރުދަނާ ކުރުމަކީ އިގުތިސާދު ހަރުދަނާ ކުރުމުގައި އެމަނިކުފާނުގެ ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމުގައި ވެސް ރައީީސް ވިދާޅުވިއެވެ.

އެމްޑީޕީގެ ސަރުކާރުގައި އެންމެ ބޮޑަށް ހާލުގައި ޖެއްސި އެއް ކުންފުންޏަކީ ފެނަކައެވެ. މި ސަރުކާރު ހަވާލުވީއިރު، އެ ކުންފުނީގެ ދަރަނީގެ ލޯނުގެ ގޮތުގައި 871 މިލިއަނަށް ރުފިޔާ އޮތެވެ. އަދި އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ އޮތް އިރު ޖުމްލަ 4.16 ބިލިއަން ރުފިޔާ ދަރަނީގެ ގޮތުގައި ދައްކަން އޮތެވެ.

ކުރީ ސަރުކާރުން އިންތިހާބާ ދިމާކޮށް، ފެނަކައަށް ވަރަށް ގިނަ އަދަދެއްގެ މުވައްޒަފުން ވެސް ނެގިއެވެ. 2018 ވަނަ އަހަރުން 2023އަށް އެކަނި ވެސް އެ ކުންފުނިން 5000 މުވައްޒަފުން ނަގާފައިވެއެވެ.