މާލެ ސަރަހައްދުގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށްޓަކައި އެންމެ ޒަމާނީ ޓްރެފިކް މޮނިޓަރިން ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ވިދާޅުވީ އަލަށް ތަސްދީގު ކުރެވުނު އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދެނީ މި ސެންޓަރު ގާއިމުކުރުމަށް ކަމަށެވެ.

މިމަސައްކަތުގައި ބޭރުގެ އެހީތެރިކަމާއި ޒަމާނީ ވަސީލަތްތައް ހޯދާނެ ކަމަށްވެސް ވިދާޅުވިއެވެ.

”މުޅި މާލެ އެެއްކޮށް ޓްރެފިކް މޮނިޓާކުރެވޭނެ ޒަމާނީ ޓްރެފިކް ސެންޓަރެއް ގާއިމްކުރުން، ރިއަލްޓައިމްކޮށް މޮނިޓާ ކުރެވޭނެ ޓްރެފިކް ސެންޓަރެއް ގާއިމްކުރުމަކީ މީގެ އެންމެ ވަރުގަދަ އެއް މަސައްކަތް،“ ސައީދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިފަދަ ސެންޓަރެއް ގާއިމުކުރުމާ ގުޅިގެން މަގުތަކުގެ ޓްރެފިކްގެ ހާލަތު ވަގުތުން ވަގުތަށް ފުލުހުންނަށް ބަލައިލެވޭނެ ކަމަށެވެ.

އަދި ޓްރެފިކާ ގުޅޭ ހިދުމަތްތައް ޑިޖިޓަލް ކުރުމަށް އަމާޒެއް އެބައޮތް ކަަމުގައިވެސް ވިދާޅުވިއެވެ.