ސިއްހީ ދާއިރާ އިން ރާއްޖެ އިން ހޯދާފައިވާ ކާމިޔާބީތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން ހާއްސަ އެވޯޑެއް ދީފިއެވެ.
އެވޯޑު ދީފައި ވަނީ، މިހާރު ޓިމޯ ލެސްޓޭގައި ކުރިއަށްދާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ސަރަހައްދީ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިންނެވެ.
ރާއްޖެއަށް ހާއްސަ އެވޯޑެއް ދިނީ ހިތުގެ ބަލިތަކާއި، ކެންސަރާއި، ހަކުރުބަލި އަދި ނޭވާލާ ނިޒާމުގެ ދާއިމީ ބަލިތަކުގައި ދޮށީ އުމުރަށް ދިއުމުގެ ކުރިން މަރުވާ މީހުންގެ އަދަދު މަދުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ރާއްޖެއިން ހާސިލުކޮށްފައިވާތީ އާއި، މައިންނާއި އުފަންވާ ކުދިންނަށް ޖެހޭ ބައްޔެއް ކަމަށްވާ މެޓާނަލް އަދި ނިއޯނޭޓަލް ޓެޓެނަސް ބަލި ނައްތާލެވިފައިވާކަން ކަށަވަރުކުރެވުނުތާ 10 އަހަރުވެ، އެކަން ދަމަހައްޓާފައިވާތީއެވެ.
އެވޯޑް ރާއްޖޭގެ ފަރާތުން ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަރު ގީލާ އަލީއެވެ.
އެވޯޑް ހަވާލުކޮށް ދެއްވީ ޑަބްލިއުއެޗްއޯގެ ޑިރެކްޓަ ޖެނެރަލް ޑރ. ޓެޑްރޮސް އަދޮނަމްއެވެ.
އެ ޖަމިއްޔާއިން ވަނީ، ރާއްޖެއިން ހޯދާފައިވާ މި ކާމިޔާބީތަކަކީ، ސަރުކާރާއި މުޅި މުޖުތަމައު އެއް ވިސްނުމެއްގައި ކުރި މަސައްކަތުން ހޯދާފައިވާ ކާމިޔާބީތަކެއްކަން ފާހަގަކޮށްފައެވެ.

