ފ. ބިލެތްދޫގެ ރަށްވެއްސަކަށް ވާނަމަ އެލަވަންސެއް ދިނުމަށާއި އެރަށުގެ ރަށްވެހިކަން ދޫކޮށްލާނަމަ ފީއެއް ނަގަން ބިލެތްދޫ ކައުންސިލުން ނިންމައިފިއެވެ.
ބިލެތްދޫ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައިވާ ގޮތުން ކައުންސިލްގެ އެ ނިންމުމަށް އަމަލުކުރަނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.
ބިލެތްދޫ ކައުންސިލުން ނިންމާފައިވަނީ އެ ރަށުގެ ރަށްވެހިކަމުން ވަކިވާ ކޮންމެ މީހެއްގެ އަތުން 5000 ރުފިޔާގެ ފީއެއް ނެގުމަށެވެ.
އަދި އެހެން ރަށެއްގެ ދަފްތަރުން ވަކިވެގެން ބިލެތްދޫގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ކޮންމެ މީހަކަށް 2500 ރުފިޔާގެ އެލަވަންސެއް ދިނުމަށްވެސް ކައުންސިލުން ވަނީ ނިންމާފައެވެ.
ބައެއް ރަށްތަކުގެ އާބާދީ މަދުވަމުންދާތީ އެފަދަ ރަށްރަށުގެ ދަފްތަރުން އުނިކުރުމަށް ހުށަހަޅާއިރު ފީއެއް ނެގުމަކީ މިހާރަކަށް އައިސް ބައެއް ކައުންސިލުންތަކުން އަމަލުކުރަމުންދާ އުސޫލެކެވެ.

