މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓެއް ބްރިޖުގައި ޖެހުނު ހާދިސާގައި ބްރިޖަށް ބޮޑު ގެއްލުމެއް ނުވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
ބްރިޖަށް އުރުނީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ތެޔޮ އުފުލާ ބާޖަކާއި ޓަގު ބޯޓެކެވެ.
މި ހާދިސާއާ ގުޅިގެން މިނިސްޓަރު މުއްތަލިބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބުރިޖުގެ އޮނިގަނޑަށް ބޮޑު ގެއްލުމެއް ނުވި ނަމަވެސް، ފާހަގަކުރެވުނު ކުދި ރެނދުތައް ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް ސީއެޗްއީސީން މަރާމާތުކުރާނެ ކަމަށެވެ.
އެފަދަ ހާދިސާތަކަކީ ބުރިޖުތަކަށާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން މާލެ ސަރަހައްދުގެ މުހިންމު އިންފްރާސްޓްރަކްޗާތަކަށް އޮތް ބޮޑު ނުރައްކަލެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވަނީ މިފަދަ ކަންކަމުން ރައްކާތެރިވުމަށްޓަކައި، ކޮންޓްރޯލުން ނެއްޓޭ އުޅަނދުފަހަރު ބުރިޖާ ހަމައަށް ދިޔަނުދީ ހިފެހެއްޓޭނެ ފަދަ ބާރުގަދަ ދެ ޓަގު ބޯޓު ހޯދުމުގެ މަސައްކަތް އެމްޕީއެލްއިން ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.
އަދި ކުރިއަށް އޮތް ދެ މަސް ތެރޭގައި އެ ޓަގުތައް ލިބޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި ބަނދަރުގައި އުޅަނދުފަހަރު އެޅުމުގެ އުސޫލުތައް މުރާޖާކޮށް، ކޯސްޓްގާޑާއި ކަމާބެހޭ އިދާރާތައް ގުޅިގެން ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ހަރުދަނާ އުސޫލުތަކެއް އެކުލަވާލަމުންދާކަމަށް މުއްތަލިބު ވިދާޅުވިއެވެ.

