ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިރޭ ވެސް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.

އެގޮތުން، ދެކުނުގެ ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު، ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މެޓުން ވަނީ ޔެލޯ އެލާޓް ނެރެފައެވެ. މެޓުން ބުނީ، މި އެލާޓް ނެރެފައިވަނީ މިއަދު އިރުއޮއްސި 18:00 އިން ފެށިގެން މިރޭ 22:00 އަށް ހަމައަށް، ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ކަމަށެވެ. މި ވަގުތުތަކުގައި އެ ސަރަޙައްދުތަކަށް ގުގުރާނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މީގެއިތުރުން، ބ. އަތޮޅުން ފެށިގެން ދެކުނާ ހަމައަށް މެޓުން ވަނީ ވައިޓް އެލާޓް ނެރެފައެވެ. މި އެލާޓް ނެރެފައިވަނީ، މިއަދު 18:00 އިން ފެށިގެން މިރޭ 23:00 ހަމައަށެވެ.

މެޓުން ބުނީ، މި ވަގުތުތަކުގައި އެ ސަރަޙައްދުތަކަށް ވިލާގަނޑުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި، ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށެވެ.

ރާއްޖޭގެ މޫސުމާ ގުޅޭގޮތުން މެޓުން އިތުރަށް ބުނެފައިވަނީ، ކުރިއަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެ ކަމަށާއި ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.